ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް މި ސަރުކާރުގައި އެގްރިކަލްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ފާސްކުރުމަށް ފަހު، އަށް މިނެޓު ތެރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނިންމާލައިފިއެވެ.
ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބޭއްވި ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމަށް އައްޔަންކުރުމާ މެދު ވޯޓު ނަގާށެވެ.
އެ ޖަލްސާ ފެއްޓެވި ގޮތަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް ރަމީލާ އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހާފައެވެ. އިދިކޮޅު އެމްޑީޕީން ބޮއިކޮޓު ކުރި އެ ޖަލްސާގައި ބައިވެރިވެވަޑައިގެން 38 މެންބަރުންގެ އިއްތިފާގުން ރަމީލާގެ ނަން ވަނީ ފާސްކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެޗްއާރުސީއެމަށް އައްޔަންކުރި ރަމީލާ، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެކަމަކު މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރީ، ޗުއްޓީގައި އޮތުމަށް ފަހު އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވައިފައެވެ.
އެހެންވެ، ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ، ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކަން ފާހަގަކޮށް، އިންޓަވިއުކުރުމަކާ ނުލާ، އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް އިއްތިފާގުން ނިންމައިފައެވެ.
މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތީ ރަމީލާގެ ނަން ފާސްކުރަން އެކަންޏެވެ.
އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ ޑިސެންބަރު 1، 2024ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ. މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.
އެޗުއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:
- ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު
- މެންބަރު ސަމާޢު އަޙްމަދު ނަޖީބު
- މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
- މެންބަރު އަޙްމަދު މަޤުސޫމް