ދެ އިންތިޚާބު އެއްކޮށްލަނީ ވެރިކަން ދިފާއުކުރަން، މިއީ އަމިއްލަ ދަހިވެތި ކަމުގައި ގައުމު ފުން ވަޅުގަނޑަކަށް ވައްޓާލުން: ފައިޞަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ދެ އިންތިޚާބު އެއްކޮށްލަނީ ވެރިކަން ދިފާއުކުރަން ކަމަށް ވިދާޅުވެ، ކަންބޮޑުވުންފާޅު ކުރައްވައިފި ---- ސަން ފޮޓޯ/ މޫސާ ނަދީމް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

'އެކްސް'ގައި ފައިޞަލް މިއަދު ލިޔުއްވި ދިގު ޕޯސްޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީކުރުވަން އޮންނަ ބާރެއްކަން ފާހަގަކުރައްވައިފައެވެ. އަދި ޒިންމާދާރު މަޖިލީހެއް އޮތުމުން އެއީ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ފައިޞަލް ވިދާޅުވިއެވެ.

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، މިހިނގާ ވިހިވަނަ މަޖިލީހުގެ މުއްދަތު ކުރުކޮށްލަން ޤާނޫނުއަސާސީއަށް މި ހަފުތާގައި ސަރުކާރުން އިސްލާހު ހުށަހެޅީ އެހެން މަގުސަދެއްގައި ކަމަށް ފައިޞަލް ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބަދަލުތައް ގެންނަނީ ދައުލަތުގެ ހުރިހާ ބާރުތަކެއް ސަރުކާރުގެ މުށުތެރެއަށް ލުމުގެ ބޭނުމުގައެވެ.

މިގޮތަށް މިކަން ކުރުމުގެ ނަތީޖާއަކަށް ވާނީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް ގަދަވެގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިޞަލް ލިޔުއްވި ގޮތުގައި، ސަރުކާރުން އަމަލުތައް ބަހައްޓަން ވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އިިސްކަން ދެވޭ ގޮތަށެވެ.

"ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ވަކި ބަދަލުތަކެއް ގެނެސްގެން، އިންތިޚާބު ކާމިޔާބުކުރަން މަގުފަހިކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައްތަކެއް ހިނގާނެ ކަމެއް،" ފައިޞަލް ލިޔުއްވާފައިވެއެވެ.

ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ގިނަ ދުވަހު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ، ނަތީޖާއެއްގެ ގޮތުން އާންމުންނަށް ނޭދެވޭ އަސަރުކޮށް، ގައުމުގެ ހަމަޖެހުން ގެއްލި، އިގުތިޞާދަށް ލޮޅުން އަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއާއެކު، މަޖިލީހުގެ މުސްތަގިއްލުކަން ވަކި ބާރެއްގެ ގޮތުގައި ބާއްވައި، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމަށް ފައިޞަލް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގަތެވެ. އޭގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ހެދުމަށްވެސް އެދިވަޑައިގަތެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރުމަށްވެސް ފައިޞަލް އެދިވަޑައިގަތެވެ.

އެމަނިކުފާނު ރައީސްގެ އަރިހުން ދެން އެދިވަޑައިގަތީ:

  1. ވަކި އާއިލާއަކަށް ނުވަތަ ވަކި ފަރާތަކަށް ނުބަލައި، ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން ދައުލަތުގެ މަގާމުތައް ދިނުމަށް
  2. ކުރީ ސަރުކާރުތަކުން ދެން އަންނަ ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީނުކޮށް، އިންސާފުން އާންމުންނަށް ކަންކަން ކޮށްދިނުމަށް
  3. ދިގު ރާސްތާއަކަށް އަމާޒުކޮށް މަޝްރޫއުތައް ރޭވުމަށް އަދި ދުވާލަކު ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ބަދަލުނުކުރުމަށް
  4. އާންމުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް
  5. ވަޒީފާގެ ފުރުސަތުތައް ދިވެހީންނަށް އިތުރުކޮށް، ބިދޭސީން އަދާކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭނެ ވަޒީފާތައް ދިވެހީންނަށް ލިބޭނެ ގޮތެއް ހެދުމަށް
  6. ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުމަށް
  7. ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އިސްކަން ދިނުމަށް

ފައިޞަލް އެފަދައިން ވިދާޅުވިއިރު، މައި ދެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިވަނީ ދިރާސާކުރަން ފަށައިފައެވެ. އަދި ކޮމިޓީން އިއްޔެ ނިންމީ އެ މަސައްކަތް ދިހަ ދުވަހުން ނިންމާލުމަށެވެ.

https://sun.mv/216316

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.

ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ.

މި ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބުނު ފަހުން ދެ ފަހަރު ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން މަޖިލީހުގެ މެންބަރުން ހުވާކުރުމަށްފަހު ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުން ވަކިކުރެވޭ ގޮތަށް، އަދި އަތޮޅު ކައުންސިލުތައް އުވާލަން ނިންމައި ވަނީ ޤާނޫނުއަސާސީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް