އިސްރާއީލަކީ އަނިޔާވެރި ގައުމެއް، އިސްރާއީލާ ގާތްނުވުމަކީ ޕާކިސްތާނަށް ލިބޭ ޝަރަފެއް: ބިލާވަލު ބުއްޓޫ

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ ޒަރުދާރީ

ނިޔުޔޯކް (12 މާޗް 2023): އިސްރާއީލަކީ އަނިޔާވެރި ގައުމެއްކަމަށާއި އެގައުމާ ގުޅުން އުފައްދަން ޕާކިސްތާން ދެކޮޅު ހަދަމުން ގެންދިޔުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ޝަރަފަކާއި ފަޚުރެއްކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ ޒަރުދާރީ ސިފަކުރައްވައިފިއެވެ.

ނިޔުޔޯކްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި، ޕާކިސްތާނުން އިސްރާއީލާ ގުޅުންތައް އުފައްދަފާނެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ބިލާވަލު ބުއްޓޫ ވިދާޅުވީ އިސްރާއީލަކީ ގުޅުންތައް އުފައްދަން ހެޔޮވާވަރަށްވުރެ އަނިޔާވެރި ލާއިންސާނީ ގައުމެއް ކަަމަށެވެ.

"އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނު ރައްޔިތުން މަރައި އިންސާނީ ހައްގުތަކަށް އަރައިގަނެ ނަސްލީ އިމްތިޔާޒުގެ ލާއިންސާނީ ޖަރީމާތައް ހިންގާ ގައުމެއް، އިސްރާއީލާ ގާތްނުވުމަކީ ޕާކިސްތާނަށް ލިބޭ ފަޚުރެއް،" ބިލާވަލު ބުއްޓޫ ވިދާޅުވިއެވެ.

ޕާކިސްތާނުން އިސްރާއީލާ ގާތްވާނީ ކޮން ޝަރުތެއްގެ މަތިންތޯ ބިލާވަލު ބުއްޓޫއާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ޕާކިސްތާނުން އެކަމާމެދު ވިސްނާނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްކުރާ އަނިޔާތައް ހުއްޓާލައި ފަލަސްތީނުގެ ބިންތަކުން ފައިބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުން ކަމުގައެވެ. މިކަންކަން ނުވަނީސް އިސްރާއީލަކީ ވުޖޫދުގައި އޮންނަ ގައުމެއްކަމަށް ބަލަން ޕާކިސްތާން ބޭނުންނުވާކަމަށް ބިލާވަލު ވިދާޅުވިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒާހަރާއެއްގެ ފޮޓޯއެއް

ބިލާވަލު ބުއްޓޫއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫގެ ކާފަ ދަރިކަލެކެވެ. އަދި ޒުލްފިގާރު އަލީ ބުއްޓޫގެ ދަރިކަނބަލުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދޮށީ ދަރިކަލުންނެވެ. ބިލާވަލުގެ ބައްޕަ އާސިފު އަލީ ޒަރުދާރީވަނީ ޕާކިސްތާނުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައެވެ.

ބިލާވަލުއަކީ ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ މިހާރުގެ ޒައީމެވެ. "ޕީޕީޕީ" އަކީ ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ އެއްބައިވެރިޔާ އެވެ.

ބިލާވަލު ވިދާޅުވީ ކުރިން ޕާކިސްތާނުގެ ޕާސްޕޯޓްގައި ދެގައުމަކަށް ދަތުރުކުރުން މަނާކޮށްފައިއޮތް ކަމަށެވެ. އެއީ ދޮންމީހުންގެ ނަސްލީ އިމްތިޔާޒުގެ ލާއިންސާނީ ވެރިކަން އޮތްދުވަސްވަރު ދެކުނު އެފްރިކާއާއި ދެން އިސްރާއީލް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ނިޒާމުން ދެކުނު އެފްރިކާ މިނިވަންވެ އެގައުމުގެ އަސްލު ރައްޔިތުންނަށް އެގައުމުގެ ވެރިކަން ލިބިފައިވާތީ މިހާރު ޕާކިސްތާނުގެ ޕާސްޕޯޓުގައި ދަތުރުކުރުން މަނާގައުމަކަށް އޮންނާނީ ހަމައެކަނި އިސްރާއީލުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާނުގެ ޕާސްޕޯޓްގައި އިސްރާއީލު ފަދަ އަނިޔާވެރި ގައުމަކަށް ދަތުރުކުރުން މަނާކޮށްފައިވުމަކީ މުޅި ޕާކިސްތާން ފަޚުރުވެރިވާ ކަމެއް ކަމަށް ބިލާވަލު ވިދާޅުވިއެވެ.

comment ކޮމެންޓް