މަކުނު ވިދުރީގެ ކޭހެއް ޕާކިސްތާނުން ވެސް ފެނިއްޖެ

މަކުނު ވިދުރީގެ ކޭސްއެއް ޕާކިސްތާނުންވެސް ފެނިއްޖެ. މިދިޔަ އަހަރުވެސް އެ ގައުމުން ވަނީ އެ ބަލި ފެނިފައި. ފޮޓޯ/އެންޑީޓިވީ

މަކުނު ވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފައި އޮއްވައި، ޕާކިސްތާނުން އެ ބަލީގެ ކޭހެއް ފެނިއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޖިއޯ ނިއުސްއިން ބުނި ގޮތުގައި ޚައިބަރު ޕަހްތޫންހުވާގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތަކަށް މި ނުރައްކާތެރި ވައިރަސް ވަނީ ޖެހިފައެވެ.

އެ މީހާ އަކީ ދާދި ފަހުން ސައުދީ އަރަބިއްޔާއިން އައި މީހެއް ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. އެ ގައުމުން މީގެކުރިން ވެސް އެ ބަލި ފެނިފައިވެއެވެ.

ޕާކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ޖިއޯ ނޫހުން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ އެންމެންގެ ސާމްޕަލް މިހާރު ވަނީ ނަގައިފައެވެ. އަދި ޕާކިސްތާނަށް ވަންނަ މީހުންގެ މައުލޫމާތު ހޯދައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބޯޑާ ހެލްތު ސާވިސްއަށް އަންގައިފައިވާ ކަމަށް ވެސް ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިއީ ޕާކިސްތާނުން އެ ބަލި ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އެ ގައުމުން މަކުނު ވިދުރީގެ ނުވަ ކޭސް ފެނިފައިވާއިރު، އެ އެންމެންނަކީ ވެސް މެދުއިރުމައްޗާއި އެހެން ގައުމުތަކުން އެނބުރި އައި ދަތުރުވެރިންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އެޗްއައިވީ އާއި މަކުނު ވިދުރި ޖެހިގެން މަރު ވެސް ވެފައެވެ.

އެފްރިކާ ބައްރުގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސްގެ އާ ސްޓްރެއިންގެ ސަބަބުން ބަލި ޖެހިފައިވާ މީހަކު ސްވިޑެނުން ވެސް ވަނީ ފެނިފައެވެ.

ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ ކޮންގޯގައެވެ. މިދިޔަ އަހަރުގެ ޖަނަވަރީގައި އެ ޤައުމުގައި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް