އައިޖީއެމްއެޗް ލެބޯޓަރީގެ ޚިދުމަތް އަލުން ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް މެދުކަނޑާލުމަށް ފަހު، އެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ލެބޯޓަރީ ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ނުވަ ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް މައްސަލައެއް ދިމާވެ، ލެބޯޓަރީގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/174915

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި ލެބޯޓަރީގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް އަލުން، ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުވެފައި މިވަނީ، އެ މައްސަލަ ހައްލު ވަންދެން ލެބޯޓަރީގެ ޚިދުމަތް ހުއްޓިފައި ހުންނަތާ ފަސް ގަޑިއިރަށްވުރެ ގިނައިރުވި ފަހުންނެވެ. އަދި މައްސަލަ ހައްލުވަންދެން، އައިޖީއެމްއެޗްއިން އޭރު ބުނީ، ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ތިބި މީހުންގެ ޓެސްޓުތައް ހަދަން ނިންމާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވައިގެން ކަމަށެވެ.

އައިޖީއެމްއެޗް ލެބޯޓަރީ އަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވާއިރު، އެ ޚިދުމަތް ލިބިގަންނާކަށް އެޕޮއިންޓްމެންޓް ހައްދާކަށް ވެސް ނުޖެހޭނެއެވެ.

comment ކޮމެންޓް