ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް ހުއްޓުމަކަށް

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގައި ހުންނަ އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އައިޖީއެމްއެޗްއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ލެބޯޓަރީގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ލެބޯޓަރީ ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ޓެސްޓުތައް ހެދުމަށް އެޕޮއިންޓުމަންޓު ހަދަން ނުޖެހޭތީ، މައްސަލަ ޖެހުނު ހިސާބުން މިކަން އިއުލާނުކޮށްފައިވާނެ ކަމަށެވެ. އަދިވެސް އެ މައްސަލަ ހައްލުކުރެވިފައި ނުވާ ކަމަށާއި ފެނުގެ ނިޒާމަށް ދިމާވި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިސްޓަމަށް ދިމާވި ސީދާ މައްސަލައަށް ނޭނގޭ. އެކަމަކު މިހާރު ކުރިއަށް ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހައްލުވަންދެން މިވަގުތު އެޑްމިޓްކޮށްފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެން ހަދަން މިހާރު ވަނީ ނިންމާފައެވެ.

ލެބޯޓަރީ ހުންނަނީ ދަރުމަވަންތަ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައެވެ. އަދި ލެބޯޓަރީ އަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއެކު އައިޖީއެމްއެޗްގެ ލެބޯޓަރީ ހިމެނޭ ގޮތަށް ބައެއް އެހެން ޚިދުމަތްތައް ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް