ދިވެހިންނަށް ހިލޭ އެމްއާރުއައި ސްކޭން ހެދޭ ކެމްޕެއިނެއް ޓްރީޓޮފް ހޮސްޕިޓަލުން ފަށައިފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ވަނީ އަގަކާ ނުލައި ދިވެހިންނަށް އެމްއާރުއައި ސްކޭން ހެދޭ ކެންޕެއިނެއް ފަށާފައި --

ބަލިތައް ދެނެގަތުމަށް ޚާއްސަ ކޮށްގެން ހަދާ ކްރިޓިކަލް ޑައިގްނޯސްޓިކް ޚިދުމަތްތައް ރާއްޖެއިން ފަސޭހައިން ލިބޭނެގޮތް މަގުފަހިކުރުމަށްޓަކައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ އެމްއާރުއައި ކެމްޕެއިނެއް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، މި ކެމްޕޭނުގެ ދަށުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ޚަރަދަކާ ނުލައި އެމްއާރުއައި ސްކޭން ހެދޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އެސް ސްރިވަތުސަން ސްރީދަރުޖީ ވިދާޅުވީ، އެމްއާރުއައި ސްކޭން ހަދަން ބޭނުންވާ ދިވެހިންނަށް ގިނަގުނަ ދަތިތަކެއް ހުރިކަމަށް ގާބޫލްކުރައްވާ ކަމަށެވެ.

އެހެންވެ، މި ކެމްޕޭނުގެ އަމާޒަކީ ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުން ކަމަށާއި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލުން ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އަގަކާ ނުލައި ދިވެހިންނަށް އެމްއާރުއައި ސްކޭން ހެދޭ ކެންޕެއިނެއް ފަށާފަ --- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

މިދިޔަ އަންގާރަ ދުވަހު ފެށި މި ކެމްޕޭން އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ޒަމާނީ ދެ އެމްއާރްއައި މެޝިނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ވީޑިޔޯ ދެއްކުމާއި، ތަފާތު އަޑުތަކާއި މިއުޒިކް ޖަހައިދިނުން ހިމެނެއެވެ.

ޓްރީޓޮޕުން ބުނީ، ދުވަސްވީ މީހުންގެ ތެރެއިން އެމްއާރްއައި ސްކޭން ނަގާއިރު ބިރުވެރިކަން އިހުސާސް ކުރެވޭ މީހުންނަށް ސްކޭން ނަގާއިރު ގާތުގައި އެހީތެރިޔަކު ބެހެއްޓުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި، މި ޚިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ފަސޭހަވެ، ހިތްހަމަ ޖެހޭ މާހައުލެއްގައި ސްކޭން ހެދުމުގެ ފުރުސަތު ތަނަވަސް ވާނެކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

މި ސްކްރީނިން ކެމްޕެއިނަށް ބުކިން ހަދައި، ކަމާ ގުޅުން ހުރި އިތުރު މަޢުލޫމާތު 3351610 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލަށް މެއިލް ކޮށްގެން ލިބޭނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް