މަޖިލީހުގައި އަންހެނުންނަށް ޚާއްސަ ފަހިކަމެއް ހޯދައިދޭން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ / ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ޚާއްސަ ފަހިކަމެއް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީދު ވިދާޅުވީ، މަޖިލީހުގައި އަންހެނުން ހިމެނިގެންދާ ގޮތާމެދު ރާއްޖޭގެ ރައްޔިތުން ވިސްނާ ކަމަށާއި، މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ޖެހޭނެ ކަމަށެވެ.

"މަޖިލީހުގައި މެމްބަރުން ތަމްސީލްވާއިރު އަންހެނުންނަށް ޚާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މިއަދު އަޅުގަނޑުމެން އެންމެންވެސް އަނެއްކާވެސް ނިޔަތް ގަނެ އަޒުމު ކަނޑައަޅާންވީ މަސައްކަތެއް," ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ޖުމްލަ 87 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު އަންހެނުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

ސިޔާސި ދާއިރާއަށް ބަލާއިރު، ރާއްޖޭގައި އިންތިހާބުތަކަށް ކުރިމަތިލުމުގައި އަންހެނުންނާއި ފިރިހެނުންނަށްވެސް ވަނީ ހަމަހަމަ ފުރުސަތުތަކެއް ލިބިދީފައެވެ.

އަންހެނުން ތަމްސީލުވުން އިތުރުކުރުވުމުގެ ގޮތުން ކައުންސިލްތަކުގެ 33 ޕަސަންޓު އަންހެނުންނަށް ޚާއްސަކޮށްފައި ވީނަމަވެސް، މަޖިލީހުގައި ވަކި އަދަދަކަށް އަންހެނުން ހިމަނަން ގާނޫނޫގައި ބަޔާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް