އިންޑިއާއިން ސްރީލަންކާއަށް ހަމަޖައްސާފައިވާ އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ބޭނުންކުރެވޭ މުއްދަތު އިތުރުކުރަން މަޝްވަރާތައް ފަށައިފިއެވެ.
އިންޑިއާގެ ކްރެޑިޓް ލައިން ބޭނުންކުރެވޭ މުއްދަތު ހަމަވާނީ މި މަހުގެ 17 ގައެވެ. ނަމަވެސް އޭގެ ތެރެއިން ލަންކާއިން މިހާތަނަށް ބޭނުންކޮށްފައި ގާތްގަނޑަކަށް 666 މިލިއަން ޑޮލަރެވެ. އެ ގައުމުން މައިގަނޑު ގޮތެއްގައި އެ ފައިސާ ބޭނުންކޮށްފައިވަނީ ބޭހާއި ކާބޯތަކެއްޗަށް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ލަންކާގެ ފިނޭންސް މިނިސްޓްރީން ބުނީ ކްރެޑިޓް ލައިން ހަ މަސް ދުވަހާއި 12 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ބޭނުންވާކަމަށެވެ. އެއީ އޭގެ ތެރެއިން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ބޭނުން ނުކޮށް ބާކީ ހުރުމުން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ލަންކާއިން ކްރެޑިޓް ލައިން އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ އެ ގައުމުގެ އިގްތިސާދު ރަނގަޅުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކޮރަޕްޝަނާއި ސިޔާސީ މައްސަލަތަކުގެ ސަބަބުން ލަންކާގެ އިގުތިސާދު ދަށަށް ދަނިކޮށް ކޮވިޑް-19އާ ކުރިމަތިލާން ޖެހުމުން އެގައުމުގެ އިގުތިސާދު ހުއްޓުމަކަށް އައެވެ. އެ ދުވަސްވަރު އެ ގައުމުގައި ޒަރޫރީ ތަކެތި ނުލިބުމުގެ ދަތިކަން ބޮޑުވެ، ބޮޑެތި މުޒާހަރާތައް ބާއްވާފައިވެއެވެ.
ލަންކާގެ މަރުކަޒީ ބޭންކުން އިއްޔެ ވަނީ އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް މިދިޔަ މަހު 2.22 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފައެވެ. އެއީ މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު 4.5 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ގައުމުގެ އިގްތިސާދު ރަނގަޅުވަމުންދާ ކަމުގެ ނިޝާންތައް ފެންނަ ނަމަވެސް އަދިވެސް އެގައުމަށް އިމްޕޯޓް ކުރަން ޖެހޭ ހުރިހާ އެއްޗަކަށް ބޭނުންވާ ވަރަށް ފައިސާ ނެތް ކަމަށެވެ. އެހެންކަމުން އައިއެމްއެފްގެ އެހީތެރިކަން މުހިންމު ކަމަށް ރަނިލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ލޯން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.
މިލޯނު ހޯދުމަށް ސްރީލަންކާ ސަރުކާރުން މަސައްކަތް ކުރާތާ މިހާރުވަނީ ދޮޅުއަހަރުވެފައެވެ. ނަމަވެސް ލޯނުގެ ޝަރުތުތައް ސްރީލަންކާ ސަރުކާރަށް ފުރިހަމަ ނުކުރެވޭތީ ލޯނު ލިބޭނެ ގޮތް އަދިވެސް ވަނީ ނުވެފައެވެ.