ނިއުދިއްލީ (2 މާޗް 2023): ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖީ20ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށައިފިއެވެ.
މި ބައްދަލުވުމުގެ އިފްތިތާހީ ޖަލްސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚިތާބެއް އިއްވިއެވެ. އެ ޚިބާތުގައި މޯދީ ވަނީ ދުނިޔެ އޮތީ ގިނަ މައްސަލަތަކެއްގެ ތެރޭގައިކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި އަދުގެ ބައިނަލްއަގްވާމީ ނިޒާމު ފޭލްވެފައިވާކަމަށް ވިދާޅުވެ، އެެމެރިކާ އިސްކޮށް އޮންނަ މިނިޒާމަށް ފާޑު ވިދާޅުވެފައެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ގޮތުގައި މޯދީ ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކާއި ކޮވިޑްފަދަ ނުރައްކާތެރި ވަރުގަދަ ރޯގާތަކާއި ޓެރަރިޒަމާއި ހަނގުރާމަތައް ހިމެނެއެވެ. މިމައްސަލަތައް ހައްލުކުރުމުގައި ދުނިޔޭގެ މުއައްސަސާތައް ނާކާމިޔާބުވެފައިވީ ނަމަވެސް އެކަންކަން ހައްލުކުރުމަށް ޖީ20ގެ ގައުމުތަކުން މަސައްކަތް ކުރަންޖެހޭނެކަމަށް މޯދީ ވިދާޅުވިއެވެ.
އިންޑިއާއަކީ މިހާރު ދުނިޔޭގެ ހަ ވަނަ އިގްތިސާދީ ބާރެވެ. އަދި މީގެ ވިއްސަކަށް އަހަރުފަހުން ދުނިޔޭގެ ތިންވަނަ ނޫނީ ދެވަނަ އިގްތިސާދީ ބާރަށް ވެގެންދާނީ އިންޑިއާ ކަމަށް ސްޓްރެޓީޖިކް ލަފާކުރުންތަކުން ދައްކައެވެ. މިއާއެކު ބައިނަލްއަގްވާމީ މުޖްތަމައުގައި އިންޑިއާގެ އިގްތިސާދީ އަދި ސިޔާސީ އަދި ޖިއޮލޮޕޮލިޓިކަލް ދައުރު އަންނަނީ ބޮޑުވެ ފުޅާވަމުންނެވެ.
ނިއުދިއްލީގައި ފެށި ޖީ 20 ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެނީ ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރު ކަމުން އަރައިގަތުމާއި ދުނިޔޭގެ ހުރިހާ ގައުމެއް ޝާމިލުވާގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތެލާއި ގޭސްފަދަ ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލިފައިވާ މައްސަލައާއި ގައުމުތަކަށް ކުރިމަތިވަމުންދާ ދަރަނީގެ މައްސަލަތަކެވެ.
މުރާސިލުން ބުނާގޮތުގައި މި މައްސަލަތަކާބެހޭގޮތުން ކުރެވޭ މަޝްވަރާތަކަށްވުރެ ބޮޑަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ބޭނުންވަނީ ނިއުދިއްލީގެ ބައްދަލުވުމަކީ ޔުކްރެއިނަށް އަރައިގަތް މައްސަލާގައި ރަޝިއާ ކުށްވެރިކުރުމާއި ރަޝިއާ އާ ދެކޮޅަށް ބަހުގެ ހަމަލާތައްދޭ ފޯރަމަކަށް މި ބައްދަލުވުން ހެދުމެވެ.
ނަމަވެސް މި ބައްދަލުވުމުގެ ސެކްރެޓޭރިއަޓް ބަލަހައްޓަނީ ރަޝިއާއާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އިންޑިއާއިން ކަމަށްވާތީ އިންޑިއާއިން އެމެރިކާއާއި ޔޫރަޕަށް މިފުރުސަތު ނުދޭނެ ކަމަށް މުރާސިލުން ބުނެއެވެ.
ދާދިފަހުން އިންޑިއާގައި ބޭއްވި ޖީ 20ގެ ގައުމުތަކުގެ މާލީ ވަޒީރުންގެ ޓެކްނިކަލް ބައްދަލުވުމުގައިވެސް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އުޅުނީ މިކުޅި ކުޅުމަށެވެ. ނަމަވެސް އިންޑާ އެފުރުސަތު ދީފައެއް ނުވެއެވެ. ނަތީޖާއަކަށްވީ ގުޅިފައިވާ ބަޔާނެއް ނެރުމުގައި ޖީ20ގެ ގައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުން ފެއިލްވުމެވެ.
ޖީ20ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދުނިޔޭގެ ބޮޑު ތިން ބާރުކަމަށްވާ އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.