ގާސިމްގެ ތައުރީފާއި ޝުކުރު ނަޝީދަށް: ކޯލިޝަނަށް ނުސީދާ ނުރުހުން

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ވީ

އެކުގައި ކުރެއްވި ތަޖުރިބާތަކުގެ ހަނދާން އާ ކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ކޯލިޝަނަށް ނުސީދާ ގޮތެއްގައި ނުރުހުން ފާޅުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި ރެއެއްގެ މެންދަމު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮއްވައި ކުރި "ޤައިރު ގާނޫނީ" ހުކުމެއްގެ ސަބަބުން އޭނާ ޖަލަށްލުމުން ރާއްޖެއިން ބޭރަށް އަރުވާލެވި ގޮތް ހުސްވެފައި ހުންނެވިއިރު އެންމެ ބޮޑު އެހީތެރި ކަމެއް ފޯރުކޮށްދެއްވީ ނަޝީދު ކަމަށެވެ.

"ދުނިޔެ މެދަށް އުފަންވެފައި ހުރި 'ނޯ ކަންޓްރީ މޭން'، އެހެން ގޮތަކަށް ދަންނަވާނަމަ އަޅުގަނޑުގެ ގައުމެއް ވެސް ނެތް. އެ ކަން އެހެން އޮތަސް، ސިންގަޕޫރުގެ އޮތް ހަރުދަނާ ގަވާއިދުތަކާއި މަނިކުފާނުގެ [ނަޝީދުގެ] އެހީތެރިކަމާ އެކު މާތްﷲގެ ވާގިފުޅުން ސިންގަޕޫރުގައި ތިން މަހާ އެތައް ދުވަހެއް ވަންދެން، އިމިގްރޭޝަނަށް ދިޔައީމާ ހާއްސަ ހުއްދައެއްގެ ދަށުން އެ ތާނގައި ބަހައްޓާފައި ހުރީ." އޭނާ ވިދާޅުވިއެވެ.

sun.mv/174294

ގާސިމް ވަނީ މިދިޔަ ސަރުކާރުގައި ރާއްޖެއިން ބޭރަށް އޭނާ އަރުވާލެވިގެން ހުންނެވި އިރު ނަޝީދު ވެދެއްވި އެހީތެރިކަމަށް ތަކުރާރުކޮށް، ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

އެކަމަކު، އޭނާ ވިދާޅުވީ އޭރު ދިމާވި އަނިޔާވެރިކަން މިހާރު ހިތުގައި ނެތް ކަމަށާއި އެއްވެސް ބޭފުޅަކާ ދޭތެރޭ ހިތްބުރަ ކަމެއް ވެސް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ހެޔޮ ކަންކަން ކޮށްދެވުނީ ޖޭޕީގެ ސަބަބުން ކަމަށާއި އެ ޕާޓީން އެހެން ޕާޓީތަކުގެ ފަހަތަށް ނޭރި ނަމަ، އެހެން ޕާޓީތަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވައި ކަމަށެވެ.

"ސަރުކާރުތަކުން ގައުމާއި ރައްޔިތުންނަށް ފޯރުކޮށްދިން ޚިދުމަތާއި ގެނެސްދެއްވި ކޮންމެ ތަރައްގީއެއްގައި ޖުމްހޫރީ ޕާޓީގެ ފުރިހަމައަށް ޝާމިލުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. ޖޭޕީއާ އެކީ ކޯލިޝަން ނުހެދި ނަމަ، އެ ޕާޓީތަކުގެ ސަރުކާރެއް ވުޖޫދެއް ނުވީސް. އެހެންވީމާ މި ސަރުކާރާއި ކުރީ ސަރުކާރުތަކުން ކޮށްފައި ހުރި ހުރިހާ ހެޔޮ ކަންކަމެއްގެ ހިއްސާ ޖުމްހޫރީ ޕާޓީއަށް ލިބެންވާނެ." ގާސިމް ވިދާޅުވިއެވެ.

އޭނާ ނުސީދާ ގޮތެއްގައި ކޯލިޝަނަށް ނުރުހުން ފާޅުކުރައްވައި ވިދާޅުވީ ސަރުކާރެއް އެކުލާލަން ވީމާ އެ ޕާޓީ ވަރެއް ނޯންނަ ކަމަށެވެ. އެކަމަކު، ސަރުކާރުގައި ކުރެވޭ ރަނގަޅު ކަންކަމުގެ ހިއްސާއެއް އެ ޕާޓީއަށް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

"ހިތާމައަކީ ގިނަ ފަހަރަށް ސަރުކާރު އެކުލާވައިލުމަށް ފަހު، ސަރުކާރުން ހާސިލުކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަން. ސަރުކާރުން ވައުދު ފުއްދަމުން ދާއިރަކު ކޯލިޝަން ޕާޓުނަރުގެ ރޯލެއް އޮންނަ ކަމަކަށް އެ ބޭފުޅުން ނުދެކޭ. އެކަމަކު، ސަރުކާރު އެކުލަވައިލަން ވީމާ ޖޭޕީ ވަރެއް ނޯވޭ." ގާސިމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ސިޔާސީ ގޮތުން އެންމެ ވާދަވެރި ނަޝީދަށް ގާސިމް ތައުރީފް ކުރެއްވިއިރު ރައީސް ޞާލިޙާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ގާސިމް މިއަދު ވިދާޅެއްނުވެއެވެ.

ގާސިމް މިފަދަ މޭރުމަކުން ވާހަަކަފުޅު ދައްކަވާފައިވާއިރު، ނަޝީދު ވަނީ މި އަހަރުގެ އިންތިޚާބަކީ ގާސިމަށް "ރަނުގެ ފުރުސަތެއް" ކަމަށާއި އޭނާ ކޮންމެހެން ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއަދު ފެށި ޖޭޕީގެ ކޮންގްރެސްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް