ސްރީލަންކާގައި ކަރަންޓުގެ އަގު ބޮޑު ކުރުމުން ވިޔަފާރިތައް ބަނގުރޫޓު ވަނީ

ސްރީލަންކާގައި ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ހިންގާ ފަހާތަނެއް

ކޮލަންބޯ (22 ފެބްރުއަރީ 2023): ސްރީލަންކާގައި މިދިޔަ ހަފުތާގައި ކަރަންޓުގެ އަގު 66 އިންސައްތައަށް ބޮޑުކުރުމާއެކު އެގައުމުގެ ރައްޔިތުންގެ ޖީބަށް ބަރުވެ، ދިރިއުޅުމަށް އާދަޔާ ޚިލާފު ދަތިތައް ކުރިމަތިވެ، ކުދި ވިޔަފާރިތައް ބަނގުރޫޓުވާން ފަށައިފިއެވެ.

ސްރީލަންކާގެ ކުދި ވިޔަފާރިވެރިން ބުނާ ގޮތުގައި ކަރަންޓްގެ އަގު ބޮޑުވުމުން ލިބޭ ފައިދާއިން ދެކޮޅުނުޖެހި ވިޔަފާރިތައް ވަނީ ބަންދުކުރަންޖެހިފައެވެ. އާންމު ރައްޔިތުންގެ ބައެއް މީހުން ބުނާގޮތުން ލިބޭ އާމްދަނީ އިތުރުނުވެ، އިންފްލޭޝަން މައްޗަށްދާ މިދުވަސްވަރު ކުއްލިގޮތަކަށް ކަރަންޓުގެ އަގު ބޮޑުކުރުމުން ހަދާނެގޮތްވަނީ ހުސްވެފައެވެ. ދެން އޮތްގޮތަކީ ދުވާލުގެ ގިނަ ވަގުތުތަކުގައި ކަރަންޓް ކަނޑާލާފައި ބެހެއްޓުންކަމަށް ބައެއް އާންމުންނާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

ދަރަނި ބޮޑުވުމާއި ގައުމީ އާމްދަނީ އާދަޔާ ޚިލާފަށް ދަށަށް ދިޔުމާއެކު ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވުމުގެ ސަބަބުން މާލީ ކާރިސާއެއްގެ ތެރެއަށް ސްރީލަންކާ ވެއްޓިފައިވަނީ 2021 ވަނައަހަރުއެވެ. އެދުވަސްވަރު ސްރީލަންކާއިން ޕެޓްރޯލާއި ޑީސެލް ހުސްވެ ކަރަންޓް އުފެއްދެން ނެތިގެން ކަރަންޓް ކަނޑާލާ ގަނޑިތައް ރެއަކާ ދުވާލެއްގެ މައްޗަށް 15 ގަޑިއިރަށް އިތުރުވިއެވެ. ނަތީޖާއަކަށްވީ ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ އެގައުމުގެ ސަރުކާރު ވައްޓާލައި ރައީސާއި ބޮޑުވަޒީރު މަގާމުން ދުރުކުުރުމެވެ.

މިހާރު ސްރީލަންކާގައި ވެރިއަކަށް ހުންނެވި ރައީސް ރަނިލް ވިކްރަމަސިންހަ އަކީ އިންތިޚާބެއް ނެތި އިންތިގާލީގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަށް ވާގިވެރި ވަނީ މަގާމުން ދުރުވެވަޑައިގެންފައިވާ ކުރީގެ ރައީސާއި ބޮޑުވަޒީރުގެ ޕާޓީން ޕާލަމެންޓްގައި ހޯދާފައިވާ އަޣްލަބިއްޔަތުންނެވެ. ރަނިލްގެ ވެރިކަމުގައި ސްރީލަންކާގެ ހާލަތުވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށާފައެވެ.

ކަރަންޓާއި ތެލާއި ގޭހާއި ޑީސެލް އަގުބޮޑުކޮށް ލިބުނު ނަމަވެސް ސްރީލަންކާ އަދިވެސް އޮތީ ދަރަނި ދެއްކުމަށް ނުކުޅެދޭ ހާލަތުގައެވެ. ބޭރު ފައިސާގެ ރިޒާވް ނެތި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ހާލަތުގައި މާލީ ކާރިސާއެއްގެ ތެރޭގައެވެ. މި ހާލަތުގައި ސްރީލަންކާގައި އިންފްލޭޝަން މައްޗަށް ދަނީ ކޮންޓްރޯލެއް ނެތިއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ލަންކާގައި ތަކެތީގެ އަގުތައް ވަނީ 55 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށްޓަކައި ސްރީލަންކާ އެންމެ ބޮޑަށް ބަރޯސާ ވަނީ ބައިނަލްއަގްވާމީ މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯދަން މަސައްކަތްކުރާ 2.9 ބިލިޔަން ޑޮލަރުގެ ލޯނަށެވެ.

މިލޯނު ހޯދުމަށް ސްރީލަންކާ ސަރުކާރުން މަސައްކަތް ކުރަމުންގެންދާތާ މިހާރުވަނީ ދޮޅުއަހަރުވެފައެވެ. ނަމަވެސް ލޯނުގެ ޝަރުތުތައް ސްރީލަންކާ ސަރުކާރަށް ފުރިހަމަ ނުކުރެވޭތީ ލޯނުވަނީ އަދިވެސް ލިބޭނެގޮތް ނުވެއެވެ. ލޯނުގެ އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓާއި ފެނާއި ތެލުގެ އަގުތައް ބޮޑުކުރުމާއި އަސާސީ ތަކެއްޗާއި އަސާސީ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށްދޭ ސަބްސިޑީތައް ކަނޑާލުމެވެ.

މީގެއިތުރުން އަސްކަރިއްޔާ ކުޑަކުރުމަށްޓަކައި އެތައް ބަޔަކު އަސްކަރިއްޔާއިން ވަކިކުރުން އައިއެމްއެފްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ސަރުކާރުގެ ވަޒީފާތައް، ޚާއްސަކޮށް ސިވިލް ސާވިސްގެ ވަޒީފާތައް މަދުކުރުމާއި މުސާރަތައްވެސް ކުޑަކުރުން ހިމެނެއެވެ.

އައިއެމްއެފްގެ ލޯނު ލަސްވަނީ މިކަންކަން ކުރަން ސްރީލަންކާ ސަރުކާރަށް ދަތިވާތީއެވެ.

އޭގެ ސަބަބުން، އެހެން ގޮތެއްނެތިގެން މިދިޔަ ހަފުތާގައި ސްރީލަންކާ ސަރުކާރުން ވަނީ ކަރަންޓުގެ އަގު 66 އިންސައްތައަށް ބޮޑުކޮށްފައެވެ. މިކަމުގެ ސަބަބުން ސްރީލަންކާގެ ކުދި ވިޔަފާރިވެރިން ވަނީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ކަރަންޓް ބޭނުންކުރާވަރު ދެބައި ކުޅަ އެއްބަޔަށް ދަށްކޮށްގެން ނޫނީ އެމީހުންނަށް ބިލު ނުދެއްކޭނެކަމަށް އާންމުންނާ ހަވާލާދީ ސްރީލަންކާގެ ނޫސްތައް ބުނެއެވެ.

ކަރަންޓުގެ އަގު ބޮޑުކުރިތާ އެއް ހަފުތާ ނުވަނީސް ސްރީލަންކާގައިވާ ފަސް ހާސް ބޭކަރީގެ ތެރެއިން 200 ބޭކަރީވަނީ ބަންދުކޮށްފައެވެ. މި މަސްނިމޭއިރު އިތުރު ބޭކަރީތައް ބަންދުކުރާނެކަމަށް އެގައުމުގެ ނޫސްތައް ބުނެއެވެ.

comment ކޮމެންޓް