ސްރީ ލަންކާގައި 2019ވަނަ އަހަރު ދިން އީސްޓާ ބޮމުގެ ހަމަލާ އަލުން ތަހުގީގުކުރަން ފަށާނެ ކަމަށް އެ ގައުމުގެ އާ ސަރުކާރުން އިއުލާނުކޮށްފިއެވެ. ދުއިސައްތަ ހަތްދިހަ ނުވަ މީހުން މަރުވި އެ ހާދިސާއާ ގުޅިގެން ކުރިން ކުރި ތަހުގީގު ފެއިލްވެފައިވާ ކަމަށް އާ ސަރުކާރުން ބުނެއެވެ.
ތިން ޗާޗަކަށާއި ތިން ހޮޓަލަކަށް ޖާނުން ފިދާވެގެން ބޮން ގޮއްވާލި ކަމަށް އޮފިޝަލުން ތުހުމަތު ކުރީ ލަންކާގެ ޖިހާދީ ޖަމާއަތަކަށެވެ. ނަމަވެސް އެ ހަމަލާ ރާވާފައިވާ ކަމަށް ސްރީލަންކާގެ ޖާސޫސީ އިދާރާގެ މަތީ އޮފިޝަލެއްގެ މައްޗަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ކުރި އިތުރު ތަހުގީގުތަކުން ހާމަވާ ގޮތުގައި ހަމަލާއެއް އަތުވެދާނެ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާއިން އިންޒާރު ދިން ނަމަވެސް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އެ އިންޒާރަށް އަމަލުކޮށްފައެއްނުވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު ވިދާޅުވީ، ތަހުގީގުގެ އެތައް ކޮމިޝަނެއް ހިންގާފައިވީ ނަމަވެސް ބައެއް ހެކިތައް ނައްތާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކުރީގެ ތަހުގީގުތަކުގައި ގަވާއިދާ ހިލާފު ކަންތައްތައް ހިނގި ސަބަބު ހޯދައި، އެ ހާދިސާއަށް އާ ނަޒަރަކުން ބަލާ، ކުށްވެރިން ފަޅާއަރުވައި، އިންސާފުގެ ކުރިމައްޗަށް ގެނައުން." ހެރަތު ވިދާޅުވިއެވެ.
ހެރަތު އެގޮތަށް ވިދާޅުވީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކޭ އެ ގައުމުގެ އިންޓެލިޖެންސް ޗީފް ސުރޭޝް ސަލޭ މަގާމުން ވަކިކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓަރު ޗެނަލް ހަތަރަކުމް މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލޭ އަކީ ބޮން ގޮއްވާލި މީހުންނާ ގުޅުން ހުރި މީހެއް ކަމަށާއި ހަމަލާގެ ކުރިން އޭނާ އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ހަމަލާ ކުރިއަށް ގެންދިއުމަށް ހުއްދަ ދިނީ އެ އަހަރުގެ ރިޔާސީ އިންތިޚާބަށް ގޮޓަބަޔާ ރާޖަޕަކްސާގެ ހޮވުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް ވެސް އެ ނޫހުން އޭރު ރިޕޯޓުކޮށްފައިވެއެވެ.
ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން ގޮއްވާލިތާ ދެ ދުވަސް ފަހުން ރާޖަޕަކްސާ ވަނީ އޭނާގެ ކެންޑިޑެސީ އިއުލާންކޮށް، އިސްލާމިސްޓް ހަރުކަށި ފިކުރުގެ މީހުން ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު ރާޖަޕަކްސާ ވަނީ ކާމިޔާބުކުރައްވާފައެވެ.
ބޮން ގޮއްވާލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ސަލޭ ވިދާޅުވެފައިވާއިރު، ރާޖަޕަކްސާ އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު ލަންކާގެ މައި ޖާސޫސީ އިދާރާގެ އިސްވެރިޔާގެ މަގާމަށް ސަލޭ ވަނީ އައްޔަންކުރައްވާފައެވެ.
އީސްޓާ ބޮން ގޮއްވާލި ހާދިސާގައި 500އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 45 ބިދޭސީން މަރުވެފައިވެއެވެ. އެ ހާދިސާގެ ސަބަބުން ލަންކާގެ ފަތުރުވެރިކަން ވެސް އެއްކޮށްހެން ހުއްޓުނެވެ.
މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހަމަލާ ދިފާއުނުކުރި ކަމަށްބުނެ އޭރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ސަރުކާރުގެ އިސް ހަތަރު އޮފިޝަލަކު 1.03 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކުން ޖޫރިމަނާކޮށްފައެވެ.