ރިޔާސީ ބަޔާނަށް، ޖަވާބުދާރީ ވާކަށް ނުޖެހޭނެ: އިދިކޮޅު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ޕީޕީއެމް

މިއަދު އިއްވީ ގާނޫނާ ހިލާފު ރިޔާސީ ބަޔާނެއް ކަމަށާއި އެއަށް ޖަވާބު ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ އިހްތިޖާޖުކޮށްފައެވެ.

އެހެންވެ، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ތިން މެންބަރެއްގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ނުކުންނަވަން އަންގައިފައެވެ.

އެކަމަކު، އެ ވަގުތު މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އެހެން މަޖިލީސް މެންބަރުން ފަހުން މަޖިލީހުގެ ތަޅުމަށް ވަންނަވަން އުޅުމުން އެ އިދާރާއިން ވަނީ އެކަމަށް ހުރަސްއަޅައިފައެވެ.

މިއަދު، މެންދުރު ފަހު ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކޯލިޝަންގެ އެއްވެސް މެންބަރަކަށް މަޖިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދީ، ރިޔާސީ ބަޔާން އިއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ޑިމަކްރަސީ ނުދަންނަ ކަމަށާއި އުޅެނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކަމަށެވެ.

"އަޅުގަނޑުމެން މިވީ ނޫހުންނާއި އެހެން އެއްޗެހިން އެ ބަޔާން ހޯދައިގެން އެއަށް ޖަވާބުދާރީވާން؟ މީތޯ އަޅުގަނޑުމެންނަށް ކަންތައް ކުރަން ޖެހޭ ގޮތަކީ؟" އޭނާ ވިދާޅުވިއެވެ.

ސަލީމްގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވަންޖެހޭ ބަޔާނެއް ކަމަށެވެ. އެކަމަކު، އެންމެ ފަހުން ރައީސްކަމުގެ ހުވާ ކުރެއްވީ އެހެން ބޭފުޅެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެހެންވެ، މި ރިޔާސީ ބަޔާނަކީ ގާނޫނާ ހިލާފު ބަޔާނެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއެއް ނޫނޭ، އިބްރާހިމް މުހައްމަދު ޞާލިހަކީ. އެއީ އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ." އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިގެން ކަމަށެވެ. އެހެންވެ، މިހާރު ރައީސްގެ މަގާމުގައި ހުންނެވީ ނައިބު ރައީސް ފައިސަލް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން، [ރައީސް] އިބްރާހިމް މުހައްމަދު ޞާލިހް ދިން ރިޔާސީ ބަޔާން އަޑު އަހާކަށް ވެސް. ޖަވާބުދާރީ ވާކަށް ވެސް." އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް