އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިހާރު ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، މުޒާހަރާގެ ތެރެއިން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިދިކޮޅުން މިވަގުތު ދަނީ މަޖީދިއްޔާ ސްކޫލު ހިމެނޭ ސަރައްހަދުގައި މުޒާހަރާ ކުރަމުންނެވެ. އެ ސަރަހައްދުގައި މިހާރު ދަނީ ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔަކު ބުނީ ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވި ދެ މީހަކު ހައްޔަރުކުރަން އުޅުމުން އެމީހުން ގަދަ ހެދުމުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފުލުހުން މިހާރު ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ސައިކަލުތައް ވެސް ވައްޓާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް
މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްތިއުފާއަށެވެ. އަދި މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމަށް ވެސް އިދިކޮޅުގެ މުޒާހަރާގައިދަނީ ގޮވާލަމުންނެވެ.
އިދިކޮޅު ސަޕޯޓަރުން ރައްޔިތުން މަޖިލިސް ހުންނަ ސަރަހައްދާ ކައިރިން މަޖީދިއްޔާ ސްކޫލް ކައިރީގައި މުޒާހަރާ ކުރަމުންދާއިރު، އިދިކޮޅުގެ މަޖިލިސް މެމްބަރުން މިވަގުތު ދަނީ މަޖިލިސް އިދާރާގައި އަޑުގަދަ ކުރައްވަމުނެވެ.
އެގޮތުން މިއަދަކީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިވަގުތު ހުންނެވީ ރައްޔިތުން މަޖިލީހުގައެވެ.

ރައީސް ސޯލިހަށް ރަތްދޫލައިގެ މަރުހަބާއެއް ދަންނަވަނީ --- ފޮޓޯ/ މަޖިލިސް
އެމަނިކުފާނު ރިޔާސީ ބަޔާން އިއްވުމަށް ފެއްޓެވުމާއެކު އިދިކޮޅު ކޯލިޝަންގް މަޖިލިސް މެމްބަރުން ހުރަސްއެޅުމުން، ޖަލްސާ މެދުކަނޑާލުމަށް ފަހު އަނެއްކާވެސް ޖަލްސާ ފަށައިގެން ކުރިއަށް އެބަދެއެވެ.
ނަމަވެސް މިހާރު ވެސް އިދިކޮޅު މެމްބަރުން ދަނީ މަޖިލިސް ތެރޭގައި ދުންމާރި ގޮއްވައި، ކަށިގަނޑު ފުމެ އަދި އަޑުގަދަ ކުރަމުންނެވެ.
ޖަލްސާ މެދުކަނޑާލުމުގެ ކުރިން، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމްގެ ނަން ވަނީ އިއްވާފައެވެ.