ފޮޓޯ ނަގަން ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވަމުންދާ ޕޯސްޓެއްގައި ވަނީ އަންގާރަ ދުވަހުގައި ސައުދީ އެމްބަސީއާ ބެހޭ އިމާރާތެއްގެ ފުރާޅުމަތިން ފޮޓޯ ނަގަންދިޔަ ދެ ޒުވާން ފިރިހެނުންނާއި 17 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރުކުރި ކަމަށް ބުނެފައެވެ.
މި ކަމުގައި ކުޑަކުއްޖަކާ 18 އަހަރުގެ ފިރިހެނަކު ބައިވެރިވި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުނު ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ބަންދުކޮށްފައިވަނީ 19 އަަހަރުގެ ފިރިހެނަކު އެކަންޏެވެ.
ކޯޓު އަމުރުގައި ވަނީ އެ ޒުވާނާއަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ހެކިންގެ ބަޔާނާއި، ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި، ސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ސަޢުދީ އަރަބިއަން އެމްބަސީއަށް ވަންނަ މަންޒަރު ފެންނަ ސީނީޓީވީ ކެމެރާ ފުޓޭޖް ހުށަހަޅާފައިވާ ކަމަށްވެއެވެ.
އެ ޒުވާނާ ކޯޓުގައި ބުނީ، އެ ތަނުގެ ފުރާޅަށް އެރިއިރު އެއީ ސައުދީ އެމަބްސީކަން ނޭނގޭ ކަމަށާއި އެ ފަދަ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ.
އެ ތަނަށް އެރީ ކުރިން އެ ތަނުގައި ހުރެ އެހެން މީހުން ފޮޓޯއާއި ވީޑިއޯ ނަގާފައިވާތަން ފެނުމުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ފުރާޅު މަތީގައި ހުރިއިރު މީހުން ބަލައި ހެދުމުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އިހުސާސްްވެގެން 10 ވަރަކަށް މިނެޓު ތެރޭގައި ފޭބިކަމަށް އެ މީހާ ބުންޏެވެ.
އެ މީހާ ވަނީ އޭނާއަކީ މީގެ ކުރިން އެފަދަ ކަމެއް ދުވަހަކު ވެސް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އެ ކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައެވެ. ކޯޓު އަމުރުގައި ވެސް ވަނީ އޭނާއަކީ ބަންދު ނުވަތަ ހައްޔަރުގެ ރިކޯޑެއް ވެސް އޮތް މީހެއް ނޫންކަން ފާހަގަކޮށްފައެވެ.
އެކަމަކު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.