ޖަލަށް ލާފައިވަނީ ރައީސް ޔާމީނެއް ނޫން، ދިވެހިންގެ އުއްމީދު: އަދުރޭ

އިދިކޮޅުގެ ހޯޕް ކޮންފަރެންސް / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ޖަލަށް ލާފައިވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި، ޖަލަށް ލާފައިވަނީ ދިވެހީން މާދަމާއަށް ކުރަމުން އަންނަ އުއްމީދު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން މިއަދު ފެށި "ހޯޕް ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލުގައި ހުންނެވި ނަމަވެސް ރައީސް ޔާމީން ހުންނެވީ ސާބިތުކަމާއެކު ކަމަށާއި، އަނިޔާވެރިންގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށެވެ.

އަދި، ރާއްޖެ އަޅުވެތިވިޔަ ނުދީ މިނިވަންކަން މަތީ އޮތުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެކަމަށް ދޫނުދެއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި އެތައް ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ސިޔާސީ ލީޑަރެއް ކަމަށާއި، ޖަލަށް ލާފައި އެވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހީން މާދަމާއަށް ކުރަމުންދާ އުއްމީދު ކަމަށެވެ.

ޖަލަށް ލައިގެން މި އުޅެނީ ރައީސް ޔާމީންއެއް ނޫން. ޖަލަށް ލައިގެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން. ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމާއަށް ކުރަމުންދާ އުއްމީދު. ޖަލަށް ލައިގެން މި އުޅެނީ ދިވެހި ގައުމާމެދު ކުރަމުންދާ އުއްމީދުތައް. މާތް ވެގެންވާ އިސްލާމް ދީނާ ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު. މާދަމާގެ ކުޑަކުދިންގެ ހުވަފެން. އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅުގެ ހޯޕް ކޮންފަރެންސް / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ އިދިކޮޅު ކޯލިޝަނުގެ ވާދަވެރި ފަރާތްތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން، ޒާތްޒާތުގެ ފިތުނަވެރި ވާހަކަދައްކައިގެން އިދިކޮޅު ކޯލިޝަނުގެ ތެރޭގައި ބައިބައިވުން އުފެއްދިދާނެ ކަމަށް އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ކަމަށާއި، އިދިކޮޅުން ތިބީ ހީކުރާ ވަރަށް ވުރެ މާ ބަދަހި ޓީމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު އޮތް ހަލަބޮލިކަމުގެ ތެރެއިން ރާއްޖެ ސަލާމަތްކޮށް އަމާންކަމުގެ އައްސޭރިއަށް ގެންދެވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށާއި، ދިވެހީންގެ ގައުމާއި ދިވެހީންގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ރައީސް ޔާމީންގެ ވެރިކަމެއްގައި ނުކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން ރައީސް ޔާމީން ސާބިތުކޮށްދެއްވާފައިވާ ކަން އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ޕީޕީއެމުން މިއަދު ފެށި މި ކޮންފަރެންސްގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި ކެމްޕޭންގެ ދަތުރުތައް ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާއެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސްގައި އިދިކޮޅު ލީޑަޝިޕްގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުން ގޮފީގެ ރައީސުންނާއި ޒުވާނުން ގޮފީގެ ރައީސުންނާއި ސްޓިއަރިން ކޮމެޓީގެ ރައީސުން ހިމެނެއެވެ.

comment ކޮމެންޓް