އައްޑޫގެ ޕީޕީއެމް ތިން ކައުންސިލަރުންގެ ތެރެއިން އެކަކު އެމްޑީޕީއަށް

އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެންބަރަކު އެމްޑީޕީއަށް ސޮއިކޮށް ފޯމް ފައްޔާޒުއާ ހަވާލު ކުރައްވަނީ --- ފޮޓޯ: އެމްޑީޕީ

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމް ތިން ކައުންސިލަރުންގެ ތެރެއިންް އެއް ކައުންސިލަރަކު މިއަދު, ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަންނަވައިފިއެވެ.

އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހާޒިރުގައި ފޭދޫ މާދެލަ ދާއިރާގެ މެންބަރު މުހައްމަދު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާ ފޯމް ހަވާލުކުރައްވައިފައެވެ. އަރިހުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ހުންނެވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެންބަރަކު އެމްޑީޕީއަށް ސޮއިކުރައްވާއިރު އަރިހުގައި ރައީސް ޞާލިހު އަދި ފައްޔާޒު --- ފޮޓޯ: އެމްޑީޕީ

އެކަމާ ގުޅިގެން ފައިސަލް 'ސަން' އަށް ވިދާޅުވީ, އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ދާއިރާގެ ކުރިއެރިމާއި ސަރުކާރާ ގުޅިގެން އެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ.

"ފޭދޫ ދާއިރާއަށް ކަންތައްތައް ކުރުމުގައި އަވަސްވެފައި ފަސޭހަވާނެ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމުން," ފައިސަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 13 މެންބަރުންގެ ތެރެއިން އަށް މެންބަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އަމިއްލަ ތިން މެންބަރުން ތިއްބަވާއިރު އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މިހާރު ތިބީ ދެ މެންބަރުންނެވެ.

comment ކޮމެންޓް