ނަޝީދުގެ 'ފިކުރެއްގެ ދިރުން' ގޮތްޕަށް ތާއީދު ފޯމު ފުރަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހަދަން ތާއީދު ފޯމު ފުރަން ފަށައިފިއެވެ.

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންގެ ގޮތްޕެއް ހަދާ، އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަން މަސައްކަތް ކުރައްވަމުންނެވެ.

އެ މަސައްކަތުގެ ދަށުން އެމަނިކުފާނުގެ ކެމްޕޭން ޓީމުން އަންނަނީ 'ފިކުރެއްގެ ދިރުން' އާއި ގުޅުމަށް ތާއީދު ފޯމު ފުރަމުންނެވެ. އެ ހަރަކާތުގައި ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

އެކަމަކު، އެމަނިކުފާނުގެ ކެމްޕޭން ޓީމުން މިހާރު ފުރަމުން އަންނަނީ އެޕާޓީން ދޫކުރާ ގޮފި ހެދުމުގެ ފޯމެއް ނޫނެވެ. އަދި، ފޯމުގައި އެޑްރެހަކަށް ވެސް ޖަހާފައިވަނީ ނަޝީދުގެ ގެކޮޅު. ގ. ކެނެރީގެއެވެ. ފޯމު ފުރުމާއި ބަލައިގަތުމުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އެމަނިކުފާނުގެ ކެމްޕޭން އޮފީހުގައެވެ.

ގޮފި ހެދުމަށް އެމްޑީޕީން ދޫކުރާ ރަސްމީ ފޯމު--

'ފިކުރެއްގެ ދިރުން' ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު "ސަން"އަށް ވިދާޅުވީ އެ ފޯމަކީ ޕާޓީ އޮފީހަށް ގޮފި ހެދުމަށް ރަސްމީކޮށް ހުށަހެޅުމުގެ ކުރިން، ގޮތްޕާ ގުޅެން ބޭނުންވާ މެންބަރުންގެ މައުލޫމާތު އެއްކުރުމަށް ފުރާ ފޯމެއް ކަމަށެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން ފުރާ ފޯމު--

"ދަފުތަރުތަކާ އެއްޗެހި އޮޅުވާލައިގެން އުޅޭއިރު، ޕާޓީ އޮފީހަށް މި އެއްޗެހި [ގޮފި ހެދުމަށް އެދޭ ފޯމުތައް] ގެންދާނީ ހުރިހާ ކަމެއް ހަމަޖެހުނީމާ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ކުރިއަށް ގެންދަނީ ޕާޓީގެ ހަރަކާތެއް ކަމަށާއި އެ ފޯމުތައް ޕާޓީ އޮފީހާ ހަވާލުކުރާނެ ކަމަށެވެ. އަދި، ޕާޓީން ދޫކުރާ ގޮފި ހެދުމަށް އެދޭ ރަސްމީ ފޯމުތައް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންތިޒާމުތައް ހަމަޖެހުމުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކެޕްޝަން..'ފިކުރެއްގެ ދިރުން' ގޮތްޕަށް ތާއީދު ހޯދުމަށް ނަޝީދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ ކެމްޕޭން ޓީމް

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު މަސައްކަތް ކުރައްވާނީ ޕާޓީގައި ގޮތްޕެއް އުފައްދާ، އެ ގޮފިން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓެއް ފަހުން ކަނޑައެޅުމަށެވެ.

އެކަމަކު، އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ގޮފިތަކަކީ ސިޔާސީ ގޮތުން އެއް ފިކުރެއްގައި މަސައްކަތް ކުރަން އުފައްދާ ގުނަވަނެކެވެ. އަދި، ޕާޓީގެ އެއްވެސް މެންބަރަކަށް ރިޔާސީ ކެންޑިޑޭޓާ ދެކޮޅަކަށް މަސައްކަތެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް