އެމްޑީޕީ ޕްރައިމަރީ: ދާއިމީ ނަތީޖާއަށް ބަދަލެއް ނެތް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ބޭއްވި ވާދަވެރި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު އެ ނަތީޖާއަށް އެއްވެސް ބަދަލެއް އަންނާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައިނެތް ކަމަށް އެ ޕާޓީގެ އިންތިޚާބީ ކޮމިޓީން މިއަދު ބުނެފިއެވެ.

ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިޚާބީ ކޮމިޓީގެ ޗެއާ އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ވަގުތީ ނަތީޖާއަށް ބަދަލެއް އައިސް ދާއިމީ ނަތީޖާއަށް އަސަރުކުރި ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. ބޮޑެތި މައްސަލަތައް ޝަކުވާތަކުން ފާހަގަވި ނަމަވެސް އޭގެން ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނުފެނުނު ކަމަށް ވެސް ވިދާޅުވިއެވެ.

"މި ދެންނެވިގޮތަށް އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނަ ކަހަލަ ޝަކުވާއެއް އޮތް ކަމަކަށް ޝަކުވާ ކޮމިޓީއަކުން ވިދާޅެއް ނުވޭ. ދެން އަޅުގަނޑުމެން މި އިންތިޚާބު ނިމުމަށްފަހު އެ ބޭފުޅުންގެ ހުރިހާ ބައްދަލުވުމެއްގައި ވެސް އަޅުގަނޑުމެންނާ އެއްކޮށް ކުރިއަށް ގެންދިޔައީ،" އިބުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކަށް ވެސް ފާހަގަވީ މާލޭގައި ހުރި މާފަންނު ދެކުނު ދާއިރާގެ ފޮއްޓަކަށް ވޯޓުލާ މީހުންގެ ލިސްޓުގައި ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ވޯޓުލުން ހުއްޓުވާލި މައްސަލަ ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ ނަން ލިސްޓުގައި އޮތްކަން އޮފިޝަލުން ވެސް ޔަގީންކޮށްފައިވާ ކަމަށެވެ.

ދާއިމީ ނަތީޖާގައިވާ ގޮތުން އެމްޑީޕީގެ އިންތިޚާބުގައި އެ ޕާޓީގެ 71 ޕަސެންޓު މެމްބަރުން ވޯޓުލިއެވެ.

އޭގެ ތެރެއިން 61 ޕަސެންޓު މެމްބަރުން ވޯޓުލީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށެވެ. އެއީ 24،566 ވޯޓެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 38 ޕަސެންޓެވެ. އެއީ 15،641 ވޯޓެވެ. ޖުމްލަ ވޯޓުލީ 40،887 މެމްބަރުންނެވެ.

ވާދަވެރި ޕްރައިމަރީއަށްފަހު މިހާރު ތައްޔާރުވަމުން އަންނަނީ ރައީސް ޞާލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށެވެ. އިބްރޭ ވިދާޅުވި ގޮތުގައި ޓިކެޓު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ މެދު ތެރޭއެވެ.

މި އިންތިޚާބުގައި ރައީސް ޞާލިހާ ވާދަކުރެއްވި ރައީސް ނަޝީދު ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލުފުޅު ކުރައްވައިފައެވެ. އެހެންނަމަވެސް ރައީސް ޞާލިހަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވަން ގޮތެއް ނިންމަވާނީ އެ މަނިކުފާނުގެ ހައްދަވަން މަސައްކަތްޕުޅުކުރައްވާ ގޮފި އުފެއްދުމަށްފަހު އޭގެ މެމްބަރުންގެ ޚިޔާލާއެކު ކަމަށް ނަޝީދު ވިދާޅުވެއެވެ.

comment ކޮމެންޓް