އެމްއޭސީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް)އިން ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި އެމްއޭސީއެލް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލްއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޠާހާ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޠާހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއްކަމަށާއި، އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ނުލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވައުދާ އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެކުންފުންޏަށް ލިބިގެންދާ ލުޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރިނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ފަންނީ ގާބިލް ޒުވާނުން މަދުކަމަށާއި، އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއޭސީއެލްގައި މިއަދު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭނެއެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދޭނެއެވެ. ހަ މަސް ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި އެމްއޭސީއެލްގެ 50 މުވައްޒަފުންނާއި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް ތިނެއްގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔާ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ މިޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

comment ކޮމެންޓް