ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށް ފަހު ފުރަތަމަ ފަހަރަށް އެ ޕްރައިމަރީގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެއްތަނަކުން ބައްދަލުވެވަޑައިގެންފިއެވެ.
ދެ ރައީސުން އެއްތަނަކުން ބައްދަލުވެވަޑައިގަތީ އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން އާއްމުކޮށްފައިވާ އެ ރަސްމިއްޔާތުގެ ފޮޓޯތަކަށް ބަލާއިރު ދެ ރައީސުން އެ ރަސްމިއްޔާތުގައި ތިއްބެވީ ތަފާތު ދެ މޭޒެއްގައެވެ. އެހެން ފަހަރުތަކުގައި ދެ ރައީސުންނަކީ ވެސް ރަސްމިއްޔާތު ތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު އެއް މޭޒެއްގައި ތިއްބަވާ ބޭފުޅުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙު އިންނެވީ ފޮރިން މިނިސްޓަރު ޝާހިދާ އެއް މޭޒެއްގައެވެ. އަދި ނަޝީދު އިންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ އެއް މޭޒެއްގައެވެ.
އެ ރަސްމިއްޔާތުގެ ތެރެއިން ދެ ރައީސުން އެކުގައި މާ ބޮޑަށް ފެނިވަޑައިނުގެންނެވި ނަމަވެސް ރޭގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ ސަލާމް ކުރައްވައިފައެވެ. މިއީ ޕްރައިމަރީގެ ފަހުން އާންމު ތަނަކުން ދެ ބޭފުޅުން އެކުގައި ބައްދަލުވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެމްޑީޕީ މިހާރު ވަރަށް ބޮޑަށް ދެ ފެކްޝަނަކަށް ބެހިފައިވާއިރު އޭގެ ތެރެއިން ބައެއް މެމްބަރުން ތާއީދުކުރައްވަނީ ރައީސް ނަޝީދަށެވެ. އެހެން ބޭފުޅުން ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައިވަނީ ރައީސް ޞާލިހެވެ.
އެގޮތުން ޕްރައިމަރީގައި ރައީސް ޞާލިހަށް 61 ޕަސެންޓް ލިބިވަޑައިގެންފައިވާއިރު ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
ޕްރައިމަރީގެ ނަތީޖާއަށް ފަހު ނަޝީދު ވަނީ ރައީސް ޞާލިހާ އެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެހެންވެ، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހެދުމަށާއި އެމްޑީޕީން ވަކިކުރި ކަމަށް އެމަނިކުފާނު ވިދާޅުވާ 39،000 މެންބަރުން އަލުން ޕާޓީއަށް ގުޅުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.