ރާއްޖެއަށް އެތެރެކުރި ޖުމުލަ 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަސްޓަމާއި ފުލުހުންނަށް ވެސް ކަން ހިނގާދިޔަ ގޮތް ސާފުކޮށް ނުދެވުނެވެ.
މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތެވެ. އެކަކަކީ މި މަހުގެ އަށްވަނަ ދުވަހު 30 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން މީހެކެވެ. ދެވަނަ މީހާއަކީ މި މަހުގެ 16ވަނަ ދުވަހު 16 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން މީހެކެވެ.
ނަމަވެސް ދެ ފަހަރު މަތިން އަތުލައިގެން މަސްތުވާތަކެތީގެ އިތުރުން އޭގެން މީހަކު ވަނީ 'ގެއްލި'ފައެވެ.
މަސްތުވާތަކެއްޗާއެކު ރާއްޖެ އައި މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ކަށަވަރުކޮށްދީފައެވެ. އެއީ މި މަހުގެ އަށްވަނަ ދުވަހު 30 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން މީހާއެވެ. އޭނާގެ ލަގަޖުން އަތުލައިގެން މަސްތުވާތަކެއްޗަށް ވީނުވީއެއް ނޭންގި ވަނީ ގެއްލިފައެވެ.
އެކަމާ ގުޅިގެން މަސްތުވާތަކެއްޗަށް ވީގޮތަކާމެދު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ފުލުހުންނަށް ޖަވާބެއް ދެވިފައެއް ނުވެއެވެ.

ކަސްޓަމްސްގެ ގްރީން އަދި ރެޑް ޗެނަލް --- ފޮޓޯ/ ކަސްޓަމްސް
އެންމެ ފުރަތަމަ ސުވާލުކުރުމުން މައުލޫމާތު ނުލިބޭ ކަމަށް ބުނެ މައުލޫމާތު ލިބޭ އެންމެ އަވަހަކަށް ހިއްސާކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފަހުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު، ފުލުހުން އެންމެ ފުރަތަމަ ބުނީ މި މަހުގެ އަށްވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި، އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިރު، ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވިއެވެ.
ފުލުހުން އޭރު ބުނީ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖަކީ ކޮބައިކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ކެމެރާ ނެތްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލާގައި ފުލުހުންނާ ހަވާލުކުރި މީހާ ބަންދުގައި ބެހެއްޓޭ މިންވަރަށް ހެކި ނެތުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް 16 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު މީހަކު މި މަހުގެ 16ވަނަ ދުވަހު އަތުލައިގެން ފަހުން އޭނާގެ ލަގެޖް ވެސް ވީނުވީއެއް ނޭންގި ވަނީ ގެއްލިފައެވެ.
އެ ދެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނީ އެ މުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި، ކަސްޓަމްސްގެ ސަވެއިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާ ފާސްކޮށް އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލްވާ ފަސިންޖަރު ފުލުހުންނާ ވަގުތުން ހަވާލު ކުރާ ކަމަށެވެ.
ނަމަވެސް، މިހާތަނަށް އަތުލައިގެންފައިވާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާ ކަމަށް އެމުއައްސަސާއިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ވަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް މީޑިއާތަކުން ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފައެވެ.

ބަނގުރާ ނައްތާލުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް
ގެއްލުނު މަސްތުވާތަކެއްޗާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެއަށް ވީ ގޮތެއް ކަސްޓަމްސްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ވެސް އެ މައުލޫމާތު ދީފައެއް ނުވެއެވެ.
މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލިފައިވާ ކަމަށް ތުހުމަތުކުރެވޭއިރު ގިނަ އަދަދެއްގެ އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.