ކަސްޓަމްސްއަށް ގޯސްވީ މީޑިއާތައް، މަސްތުވާތަކެއްޗަށް ވީގޮތް ބުނެ ނުދެވުނު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް -- ސަން ފޮޓޯ / މުހައްމަދު ހައްޔާން

ރާއްޖެއަށް އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލުނު ގޮތާއި އެތަކެތީގެ އެއްވެސް މައުލޫމާތެއް ހާމަނުކޮށް އެ މުއައްސަސާއިން ދިފާއުގައި ބަޔާނެއް ނެރެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެތީގެ އިތުރުން އެތަނުން އެކަކު ވެސް ވަނީ ގެއްލިފައެވެ.

މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަން ފުލުހުން ވަނީ މީޑިއާތަކަށް މިއަދު ކަށަވަރު ކޮށްދީފައެވެ.

އަދި، އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ނަމަވެސް ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި، ކަސްޓަމްސްގެ ސަވެއިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލްވާ ފަސިންޖަރު ފުލުހުންނާ ވަގުތުން ހަވާލު ކުރާ ކަމަށެވެ.

ނަމަވެސް، މިހާތަނަށް އަތުލައިގެންފައިވާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާ ކަމަށް އެމުއައްސަސާއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ވަނީ ދިވެހިރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް އެމުއައްސަސާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް މީޑިއާތަކުން ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފައެވެ.

އަދި، އެމުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ބަލާފާސްކުރެވޭ ކޮންމެ ފަހަރަކީ މަސްތުވާތަކެތި އަދި ގާނޫނާ ގަވާއިދާ ޚިލާފް ތަކެތި ފެންނަ ފަހަރެއް ނޫން ކަން ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ކަސްޓަމްސްއަށް ލިބޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަލާ ފާސްކުރުމުގެ މަސައްކަތް އަބަދުވެސް ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް ފުލުހުން ފާހަގަކުރި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ކެމެރާ ހަރުކޮށްފައި ނުވުމާއެކު، އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖަކީ ކޮބައިކަން އަދި ދެނެގަނެވިފައެއް ނުވެއެވެ. މި މައްސަލާގައި ފުލުހުންނާ ހަވާލުކުރި މީހާ ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާ މިއަދު މެންދުރު "ސަން" އިން ސުވާލުކުރަން އުޅުމުން އެކަމަށް ފުރުސަތު ނުދެެއްވާ، އޭނާ ވިދާޅުވީ މެންދުރު ފަހުގެ ވަގުތެއްގައި އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރޭނެ ކަމަށެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވީކަން ފުލުހުން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެ ހާދިސާ އާއި މަސްތުވާތަކެއްޗާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެއަށް ވީގޮތެއް ކަސްޓަމްސްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލިފައި ވުމުން ގިނަ އަދަދެއްގެ އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް