އައްޑޫ ސިޓީ ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓު ލިމިޓެޑްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫއަށް ވަޑައިގެން މަރަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، އެ އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލަށާއި އާންމުންނަށް ދޫކޮށްލައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގަން އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ބައިނަލްއަގްވާމީ އެއާޕޯޓު ނަމަވެސް، މިއަދާ ހަމަޔަށް ވެސް އެ އެއާޕޯޓުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ. އެކަން ކުރައްވަން އެންމެ ފަސޭހަ މަގަކީ އަމިއްލަ ވިޔަފާރިވެރިންނާއި ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކާއެކު އެއާޕޯޓު ތަރައްގީ ކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުގެ 70 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގައެވެ. ބާކީ 30 ޕަސެންޓް ހިއްސާ އޮތީ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސްއަށެވެ.
"މިހާރު ހުރި ހަރުމަދާ ހުއްޓިފައި ހުރީ ކޮންބައެއްގެ އަތް މަތީގައިތޯ ބަލައި، އެ މީހުން ރުހޭ ގޮތަކަށް ނޫނީ ކަންތައް ނުކޮށް އަޅުގަނޑުމެން ތިބުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި މި ސިޓީއަށް ވެސް އަދި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އައްޑޫ އެއާޕޯޓުގެ ހިއްސާ ސަރުކާރުގައި ބޭއްވުމަކީ އެ އެއާޕޯޓަށް ގެއްލުން ހުރި ގޮތެކެވެ. އެމްޑީޕީގެ ސިޔާސަތަކީ އުމުރާނީ މަސައްކަތްތައް ކުރުމަށް ޕަބްލިކް ޕްރައިވެޓު ޕާޓްނަޝިޕްގެ ދަށުން ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި [އެއާޕޯޓުގެ] ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި އާއްމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން. ހާއްސަކޮށް ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު." އެމަނިކުފާނު ވިދާޅުވިއެވެ.
ގަން އެއާޕޯޓު ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިނގިރޭސީން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރާ ކަމަށާއި އެފަދަ ގޮތަކަށް އެ އެއާޕޯޓު ދޫކޮށްލަން އައްޑޫ ރައްޔިތުންނަށް އުނދަގޫ ނުވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އަމިއްލަ ފަރާތްތަކާ ގުޅިގެންނެވެ.
"އިނގިރޭސި ވަޒީރަކު ދިމާވި ނަމަވެސް، އަދި އެމީހުންގެ ވިޔަފާރިވެރިން ވެސް، ކިރިޔާ ވެސް ރާއްޖެ އެނގޭ މިންވަރުގެ މީހަކު ކަމަށް ވަންޏާ ގަން އެއާޕޯޓުގެ ވާހަކައާއި އައްޑޫގެ ވާހަކަ އެ ބޭފުޅުން އޮޅުން ފިލުވާ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ތިބޭފުޅަން ކުރަން އުނދަގޫ ކަމަކަށް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ އެއާޕޯޓު ހިންގުން ބޭރު ބަޔަކާ ހަވާލުކުރުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވިއިރު، އެމަނިކުފާނު ކުރިން ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ވެސް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިގު މުއްދަތަކަށް ހަވާލުކުރިއެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވި އެއް ކަމަކީ އެއީއެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވުމަށް ފަހުގައި ދެން އައި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ވަނީ ޖީއެމްއާރް އަތުން އެ އެއާޕޯޓު އަތުލައިފައެވެ.