ކޯލިޝަން ނުދެމެހެއްޓޭ ނަމަ ވެރިކަން ކުރަން އުނދަގޫވާނެ: އިމްރާން

ރޭ ބޭއްވި ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ގިނަ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ރާއްޖޭގެ ރައީސްކަން ކުރަން ދެން ފަސޭހަ ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ގޮތެއް ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ހޯދަން ޖެހޭ އަގެއް ކަމަށެވެ. އަދި، ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތަކީ އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖްކުރަން ދަންނަ މީހަކަށް ކަމަށެވެ.

"ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ދެން ރާއްޖޭގެ ވެރިކަން ކުރަން ފަސޭހަ ނުވާނެ" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ހިފެހެއްޓެވި ރައީސަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވީއިރު އަދާލާތު ޕާޓީއަކީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އާއެކު ކޯލިޝަންގައި ބައިވެރިވި ޕާޓީއެކެވެ.

މިނިސްޓަރު އިމްރާންގެ އިތުރުން، ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތް ކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ 2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދިޔަ ސިޔާސީ ހަލަބޮލިކަން އަލުން އިޔާދަވާޏް ބޭނުން ނުވާ ކަމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން މަސައްކަތް ކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އާ އަދާލަތު ޕާޓީއާ ސީދާ ގުޅުން ނެތަސް، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތުގައި އެބަހުރި ކަމަށް މިނިސްޓަރު އިމްރާން ވެސް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 28ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މިނިސްޓަރު އިމްރާން އެކި ވާހަކަތައް ދައްކަވާތީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން ވެސް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް