ބްލެކްމެއިލްކުރި މައްސަލަ ފައިލްކޮށް، ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށްފަހު ވީޑިއޯކޮށް އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަށް ތުހުމަތުވާ މީހުން--- ފޮޓޯ/ ފުލުހުން

ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ރިކޯޑުކޮށް، އެމީހުން ބްލެކްމެއިލްކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން މީހުން ވެސް ދޫކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖުގައި ބުނީ، އެ މައްސަލައާ ގުޅޭގޮތުން ޕީޖީއާ މަޝްވަރާ ކުރުމުން ލިބިފައިވާ ހެއްކަކީ، ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ބުރަދަންހުރި ހެކިތަކެއް ނޫން ކަމަށެވެ.

އެހެންކަމުން މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލައި، މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ފައިލްކުރި ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެނަމަ، މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފަސް މީހުން ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނަވަރު ހާމަ ކޮށްފައިވަނީ އޭރު ބަންދުގެ މުއްދަތު ޖެހި ތިން މީހުންގެއެވެ. އެ މައްސަލައިގައި ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖެހީ ށ. ފުނަދޫ، ސީސްޓާ، އުމުރުން 41 އަހަރުގެ މައުމޫން މޫސާއާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ އިތުރުން ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37،އެވެ.

އެ މައްސަލާގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު ކުށަށް އިއުތިރާފް ވުމާއެކު ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރު ވަނީ މިހާތަނަށް އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަށް ވެސް އިއުތިރާފުވެފައެވެ. އަދި އޭނާއާއެކު އެ ހުތުރު އަމަލު ހިންގި އެހެން ބައެއް މީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެ ކުދި އަދަބުތަކެއް ލިބިގަތުމަށް އެއްބަސްވެ ހުކުމް ތަންފީޒު ކުރަން ފަށާފައެވެ.

comment ކޮމެންޓް