އިދިކޮޅުން މާދަމާ ބާއްވާ އިހުތިޖާޖަށް ފުލުހުން ހުއްދަ ދީފި

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި, މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްވާ ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންދިޔުމަށް ފުލުހުން ވަނީ މިއަދު ހުއްދަ ދީފައި--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި, މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްވާ ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންދިޔުމަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

އެ އިހުތިޖާޖާ ގުޅިގެން ފުލުހުންނާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ޝުޖާއު ވިދާޅުވީ އެ އިހުތިޖާޖު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އެ އިހުތިޖާޖު ކުރިއަށް ދާނީ ފުލުހުންނާއި ޕީޕީއެމް، ޕީއެންސީން އެއްބަސް ވެފައިވާ ރޫޓަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުލުހުން ބުނީ އެމީހުން ދައްކާ ރޫޓުން އިހުތިޖާޖު ކުރިއަށް ގެންދިޔުމޭ އެންމެ ރަނގަޅުވާނީ. އަޅުގަނޑުމެން ވެސް އެއްބަސްވިން ފުލުހުން ދައްކާ ރޫޓަކުން އިހުތިޖާޖު ކުރަމުން ދާން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މާދަމާގެ އިހުތިޖާޖު ފުލުހުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާނެ ކަމަށެވެ. އަދި ސެކިއުރިޓީ ކަންކަން ވެސް ބަލަހައްޓައިދޭނެ ކަމަށް ފުލުހުން ދެންނެވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ. އަދި މާދަމާ ރައްޔިތުން ފާޅުކުރާ ޝުއޫރުން ރައީސް ޔާމީނަށް ހިތްވަރު ލިބޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އިހުތިޖާޖުގެ ބައިވެރިން މާދަމާ މެންދުރުފަހު 03:45 އަށް ޕީޕީއެމް އޮފީސް ކައިރިއަށް ދިޔުމަށް ޝުޖާއު ގޮވާލެއްވިއެވެ.

އިހްތިޖާޖު ކުރިއަށްގެންދަން ހުއްދަ ލިބިފައިވާ ރޫޓުތައް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް ދައްކާލަނީ --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ޝުޖާއު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ސިލްސިލާކޮށް ކުރަމުން ދާ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ މުޒާހަރާތަކުގައި ބައެއް ފުލުހުން ބޮޑީ ކެމް އޮން ނުކުރުމުގެ މައްސަލައާއި ނަން ޓެގު ނުލާ ހަރަކާތްތެރިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް