ރޭ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފިއެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މިހާރު ސިލްސިލާކޮށް މުޒާހަރާކުރާއިރު، ރޭ ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ދިވެހި ދިދަ ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައެވެ.

އެ މުޒާހަރާއިން ޖުމުލަ 21 މީހަކު ރޭ ހައްޔަރުކުރިއިރު އޭގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނެއެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން --- ފޮޓޯ/ ޕީޕީއެމް

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ރޭ ދޫކޮށްލައިފައިވާ ކަމަށެވެ. ދޫކޮށްލި މީހުންގެ ތެރޭގައި މެމްބަރު ސައީދު ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދާނެއެވެ.

މިދިޔަ ދެ ރޭ ވެސް އިދިކޮޅުން މުޒާހަރާ ކޮށްފައިވާއިރު ޕީޕީއެމްގެ ތަރުޖަމާނު ހިނާ ވަލީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ޔާމީނަށް އިއްވީ ހަރާމް ހުކުމެއް ކަމަށާއި އެ "ހަރާމް" ހުކުމާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަަށެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާ --- ފޮޓޯ/ ޕީޕީއެމް

މިދިޔަ އާދިއްތަ ދުވަހުގެ މުޒާހަރާއިން ޖުމުލަ 16 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި އެއް އަންހެނެކެވެ. އެ އެންމެންވެސް ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލައިފައެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާއިރު، ހަމަ އެރޭ ވަނީ އެ އެންމެން ވެސް ދޫކޮށްލައިފައެވެ.

https://sun.mv/172163

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކޮށްފައެވެ.

https://sun.mv/172087

ދައުލަތުން މީގެ ކުރިން ވެސް ވަނީ މަނީލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީނަށް އުފުލައިފައެވެ. އެ މައްސަލައިގާ ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވިއެވެ. އެކަމަކު، ހައިކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް އެފަހަރު ޔާމީން މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

comment ކޮމެންޓް