ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ޝަރީއަތަށް ޔާމީން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޔާމީންގެ މައްޗަށް އެ ހުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ކުށުގެ އަދަބު އެއް ދަރަޖަ މަތި ކޮށްފައެވެ. އެއީ ރައީސް ޔާމީން އެ އަމަލު ހިންގާފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންވައިގެން ފައިދާ ހޯދުމުގެ ބޭނުމުގައި ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

"އަދި މިކުށް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާކަން އެނގެން އޮވޭ," ހުކުމް އިއްވަވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ.

އެ މައްސަލައިގައި ދައުލަތުން އެދުނީ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ދިފާއުން އެދުނީ މަޝްވަރާކޮށްލުމަށް އިތުރު ފުރުސަތު ދިނުމަށެވެ.

ދޮޅު ގަޑިއިރެއްހާއިރަށް މެދުކަނޑާލުމަށްފަހު އަލުން ޝަރީއަތް ފެށުމުން ވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ މިއަދުގެ އަޑުއެހުމުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އުޒުރުވެރިވެފައެވެ.

"ދައުލަތުން އަދަބާ ގުޅޭ ގޮތުން ދެއްކި ވާހަކައިން އަޅުގަނޑަށް ފާހަގަކުރެވުނީ ކޯޓުގެ ހުކުމް އަންނާނެ ގޮތް ކުރިއަލާ އެނގިތިބެ ތައްޔާރުކޮށްފައިވާ ބަޔާނެއްކަން. އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދޮޅުގަނޑިއިރުގެ މުއްދަތަކީ އެއީ އެކަށީގެންވާ ވަގުތެއްކަން އަޅުގަނޑުމެން ނުދެކެން," ރައީސް ޔާމީންގެ ވަކީލް އަބްދުالله ސިޔާޒް ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, ދެ ފަރާތަށް ވެސް ހުކުމް އަންނާނެ ގޮތް ކުރިއަލާ އެނގިފައި ނުވާނެ ކަމަށާއި މައްސަލަ ސާބިތުވެއްޖެ ނަމަ ދެން އޮންނާނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުންކަން ގާނޫނީ ވަކީލުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"އެހެންވީމަ ދައުވާ ލިބޭ ފަރާތުން މައްސަލައިގައި އަދަބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ނެތީކަމަށް ޝަރީއަތުން ދެކެން," ގާޒީ ޝަކީލް ވިދާޅުވިއެވެ.

ހުކުމް އިއްވާފައި ވަނީ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ޝަރީއަތް މެދު ކަނޑާލުމަށް ފަހުގައެވެ.

comment ކޮމެންޓް