ޝަކީލްގެ އާއިލާއިން ލައްކަ ވާހަކަ؛ ރިޝްވަތުގައި ނުޖެހޭނެކަން ޔާމީނަށް މާ ސާފުވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ރައީސް ޔާމީނާއި، އެމަނިކުފާނުގެ މަދަދުގާރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަހުމަދު ޝަކީލް ރިޝްވަތު ގަބޫލު ނުކުރާނެކަން. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް. މި ދެންނެވީ މުޅި އެތީގެ ލައްކަ ވާހަކަ. އެކަން [ޔާމީނަށް] އެނގޭނީ ސަބަބެއް ނެތިއެއް ނޫން"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އާދިއްތަ ދުވަހެވެ. އެއަށް ފަހު، އެކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލަށް ކުރިމަތިވީ ފުރައްސާރައާއި އިންޒާރާއި ނަފުރަތެވެ.

ޝަކީލުގެ ބޮޑުބޭބެފުޅު، ހޯމް މިނިސްޓަރުގެ ނައިބު އަބޫބަކުރު އަބްދުލްކަރީމް މިއަދު "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އާދިއްތަ ދުވަހުން ފަށައިގެން އެކިއެކި ގޮތްގޮތުން ތަކުރާރުކޮށް އެ އާއިލާގެ އެކިއެކި މެންބަރުންނަށް އިންޒާރުތަށް ލިބެމުން އަންނަ ކަމަށެވެ. މުޅި އާއިލާގެ ކަރާމާތާއި އިއްޒަތް ގެއްލުވައިލަން އިދިކޮޅުން މަސައްކަތް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވާ، އެފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމާ، ޔާމީން 11 އަހަރަށް ޖަލަށްލާ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި އެކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.

ހުކުމް އިއްވުމާއެކު ޔާމީނަށް ވަފާތެރި ސިޔާސީ ފަރާތްތަކާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ގެންދަނީ ޝަކީލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން، އެއީ ސަރުކާރާއި އިންޑިއާއިން ބޭނުންވި ގޮތަށް ކޮށްފައިވާ ހަރާމް ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި، ޝަކީލްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައި، އެ ފޮޓޯތައް ހުތުރު ގޮތްގޮތަށް ބަދަލުކޮށްގެން ވެސް މީސްމީޑިއާގައި ވަނީ ދައުރުކޮށްފައެވެ.

އެގޮތުން މީސްމީޑިއާގައާއި ގުޅައިގެންނާއި އެނޫން ގޮތް ގޮތުން ވެސް ޝަކީލާއި އޭނާގެ އާއިލާއަށް އަންނަނީ އިންޒާރުތައް ލިބެމުންނެވެ.

އާއިލާގެ ފަރާތުން ވާހަކަދައްކަވަމުން އަބޫބަކުރު ވިދާޅުވީ މިއީ ޑިމޮކްރަޓިކް މުޖުތަމައަކުން ފެނިގެންވާނެ ވަރަށް ވުރެ މާ ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ---

"އެއަށް ވުރެ ދެން ވަކިން ނާތަހުޒީބު ކަމެއް ނޯންނާނެ، ގައުމެއްގެ އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއަށްވުރެ ނުރައްކާވާނެ ކަމެއް ވެސް ނޯންނާނެ" އޭނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޝަރީއަތުން ކުރާ ހުކުމްތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމް ކުރަން ޖެހޭނެއެވެ.

"އަޅުގަނޑު ދަންނަވަން ބޭނުން މީގައި ވަރަށް މުހިއްމު ވާހަކައެއް، ރައީސް ޔާމީނާއި އެމަނިކުފާނުގެ މަދަދުގާރުންނާއި ލީޑާޝިޕަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ރިޝްވަތު ނުދެވޭނެކަން، އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް. މިދެންނެވީ ލައްކަ ވާހަކަ" އޭނާ ވިދާޅުވިއެވެ.

އަބޫބަކުރު ވިދާޅުވީ އެ ހަގީގަތް އޮޅުވާލާ، ޕީޕީއެމަށް ތާއީދުކުރާ އާންމު މެންބަރުންނަށް ނުބައި މެސެޖުތަކެއް ދެއްވައިގެން، ދޮގާއި މަކަރުން އެ އާއިލާގެ އަބުރާއި އިއްޒަތް ނަގާލަން މަސައްކަތް ކުރާ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން ބިރުވެރި އިންޒާރުތަކާއި މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކުޑައިރުއްސުރެ ގެންގުޅެ ބޮޑުކުރި ކުއްޖެއް އެއީ [ގާޒީ ޝަކީލް]، ކިތަންމެ ވަރެއް އެޅިޔަސް އަދުލަށް ނޫން ގޮތަކަށް ހުކުމެއް ނުކުރާނެ." އޭނާ ވިދާޅުވިއެވެ.

"އޭނާ މަރާލިޔަސް، އޭނާ ޖަލަށްލިޔަސް، އޭނާ ވަޒީފާއިން ވަކިކުރިޔަސް، އޭނާ އުލު ބޭންދިޔަސް، އޭނަ ކުރާ ކޮންމެ ހުކުމެއް ވެސް އަދުލަށް ކުރެވޭތޯ މަސައްކަތް ކުރާ ދަރިއެއްކަން އަޅުގަނޑަށް އެނގޭ، ވަރަށް ޔަގީން ކަމާއެކު"

comment ކޮމެންޓް