އެހާތަނަށް އެފަދަ ކަމެއް ދިވެހީން ތަޖުރިބާކޮށްފައެއް ނުވެއެވެ. ފިލްމަކުން ނޫނީ އެފަދަ މަންޒަރެއް ދެކެފައެއް ވެސް ނުވެއެވެ. މީގެ 18 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އިންޑޮނީޝިއާގެ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީއިން ރާއްޖެއަށް ކުރީ އާދައިގެ އަސަރެއް ނޫނެވެ. އެތައް ފުރާނައެއް ގެއްލި ގެދޮރާއި މުދާތައް ނެތިދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އެ ދުވަހު ލިބުނު ގެއްލުންތަކާއެކު ރާއްޖޭގެ މުއާސަލާތީ ޚިދުމަތަށް ވެސް ބުރޫއެރިއެވެ. ފޯނުތަކުގެ ޚިދުމަތް ކެނޑުނެވެ. ހަމައެއާއެކު އޭރު މުޅި ރާއްޖެއަށް ފަސޭހައިން ލިބޭގޮތަށް ހަމައެކަނި ބްރޮޑްކާސްޓް ކުރަމުން އައި ވަސީލަތް ކަމަށްވާ ރޭޑިއޯގެ ޚިދުމަތް ވެސް މެދުކެނޑުނެވެ. އަތޮޅުތެރޭގެ ހާލަތު ބެލުމަށާއި ރޭޑީއޯގެ ޚިދުމަތް އަނބުރާ ދިނުމަށް ހީވާގި ޓީމަކުން ކުރި މަސައްކަތަކީ ނަމޫނާއެކެވެ.
ރާޅާއެކު މުއާސަލާތީ ޚިދުމަތް ހުއްޓުމަކަށް
އޭރު ދިވެހި ރާއްޖޭގެ އަޑު ހިންގަމުން ދިޔައީ މިހާރުގެ ސެނެހިޔާ ހޮސްޕިޓަލް ހިންގާ އިމާރާތުގައެވެ. އެތަނުގެ ކުރިމައްޗަށް އޮންނަ ހުސްބިމުގައި ޖަހާފައިވާ ބޮޑު ދެ އެންޓަނާއަކީ މުޅި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން އައި ވަސީލަތެވެ. އެންޓަނާ ފީލްޑްގައި ޖަހާފައިވާ ދެ އެންޓަނާ ވަށައިގެން ފަސް ފޫޓް އުސްކޮށް ހުރީ ރާނާފައެވެ. ނަމަވެސް އެތަނުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަންނަން ދޮރެއް ކަނޑާފައި ހުރެއެވެ. އެ އެންޓަނާތައް ޖަހާފައިވާ ހުސް ބިމާ ޖެހިގެން އިރުމަތީ ފަރާތުގައި އޮންނަނީ ބޮޑުތަކުރުފާނު މަގެވެ. އޭގެ ބޭރަށް އޮންނަނީ ވަރުނުލާ ރާޅުގަނޑެވެ.
ނޭނގި ތިއްބާ އެރި ބޮޑު ރާޅާއެކު ފުރަތަމަ ވެސް ފެންބޮޑުވީ އެންޓަނާތައް ހުރި ހުސްބިމުގައެވެ. ލޮނުގަނޑާއެކު، ގަލާއި ވެލި އަރައި އެތަނުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. އެހެންވެ ޖެހުނީ އެންޓަނާތަކުގެ ބޭނުން ކުރުން މެދުކަނޑާލާށެވެ. އެއާއެކު އޭރު މުޅި ރާއްޖެއަށް ވަގުތުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުން އައި ވަސީލަތް ކަމަށްވާ ރޭޑިއޯގެ ޚިދުމަތް މެދުކެނޑުނެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ވެސް ވެގެން މިއުޅޭ ގޮތެއް މީހުންނަކަށް ނޭނގެއެވެ. މުޅި މާލެ ވަށައިގެން ކަހަލަ ގޮތަކަށް އޮތީ ވަރަށް ބޮޑަށް ލޮނުއަރައި ފެންބޮޑުވެފައެވެ. އެކަކު އަނެކަކުގެ ހާލު ބެލުމަށް ގުޅަން މަސައްކަތް ކުރަމުން ދަނިކޮށް ފޯނުގެ ޚިދުމަތް ވެސް ކެނޑުނީއެވެ. އަތޮޅުތެރޭގެ ހާލަތެއް މާލެއަކަށް ނޭނގެއެވެ. މާލޭގެ ހާލަތެއް އަތޮޅުތެރެއަކަށް ނޭނގެއެވެ. ގުޅޭނެ އެއްވެސް ގޮތެއްނެތެވެ. އެއާއެކު މީހުންގެ ހާސްކަން މާ ބޮޑުވާން ފެށިއެވެ.
މުޅި ރާއްޖޭން ކަހަލަ ގޮތަކަށް މުއާސަލާތުގެ ޚިދުމަތް ކެނޑުމުން އެކަމަށް ހައްލެއް ގެނައުމަށް އިސްނެންގެވީ އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، މައިޒާން އަޙްމަދު މަނިކެވެ. އޭރު އިންފޮމޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި އަޙްމަދު މަނިކަކީ މުއާސަލާތު ކުރާ ތަކެތި ވިއްކާ މައިޒާން އިލެކްޓްރޯނިކްސްގެ ވެރިޔާއެވެ.
"މައިޒާން އިލެކްޓްރޯނިކްސްއަށް އައިސް ވަގުތުން އެސްއެސްބީ ސެޓެއްގެ ސާމާނު ހިފައިގެން އަޅުގަނޑު ދިޔައީ އަޑަށް. އޭރު އިންފޮމޭޝަންގައި އުޅުނަސް އަޑުގެ ކަންތައްތަކާ ވެސް އުޅެނީ އަޅުގަނޑު. ދެން ކޮނޑޭ އަލިމަނިކާއި އެތަނުގެ ޓެކްނީޝަން ކުދިން ހަނދާން ވާގޮތުން ނަމަ ޒަހީނާއި އަންދުއާ މި މީސް މީހުންގެ އެހީތެރިކަމާއެކީގައި އަޅުގަނޑު ހަދާލައިފިން ވަގުތުން އެންޓަނާއެއް. ހަދާފައި އިމާރާތުގެ މަތީގައި ދަމާފައި އެތަނުގައި ސެޓަޕް ރާވާލީ،" އަޙްމަދު މަނިކު ވިދާޅުވިއެވެ.
މަސްވެރިންނަށް މުއާސަލާތު ކުރެވޭނެ ގޮތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފޯރުކޮށްދެމުން ގެންދެވި އަޙްމަދު މަނިކު އަޑުގައި ގާއިމު ކުރެއްވި ސެޓަޕުން ފުރަތަމަ ވެސް ގުޅަން މަސައްކަތް ކުރެއްވީ އަތޮޅުތެރޭގައި މަސް ގަތުމަށް ހަރަކާތްތެރިވާ ބޯޓްތަކާއެވެ. އެ ބޯޓްތަކުގައި ސެޓްތައް ހުންނަ ކަމާއި އެއަށް ގުޅޭނެ ފްރެކުއެންސީތައް ވެސް އަޙްމަދު މަނިކު ހިތުދަހެވެ. އެކަންވީ ބޮޑު ނަސީބަކަށެވެ. އެއީ އަތޮޅުތެރޭގެ މައުލޫމާތު އެންމެ ފަސޭހައިން އޭރު ހޯދެން އޮތް ގޮތެވެ.
"ހަމަގައިމު ވެސް ރަށަކާ ނުގުޅުނަސް އަތޮޅު ބޭރުގައި މަސްކިރާ ބޯޓްތަކާއި ދަތުރުކުރާ ބޯޓް ފަހަރު އޭރު އުޅޭ. އޭގެން އަޅުގަނޑުމެންގެ މަސައްކަތަކަށް ވީ އެއްވެސް ބޯޓަކާ އެއްޗަކާ ގުޅިއްޖެއްޔާ އެ ހިސާބުން އެ ބަޔަކު ހުއްޓުވައިގެން ނަމަވެސް އެ ބައެއް ކައިރި ބުނެގެން. އެ މީހުންނަށް ފަހަރެއްގައި ވާނުވާ ނޭނގި އޮވެދާނެ. އެހެން ނަމަވެސް އެ މީހުން ކޮންމެ ވެސް އަތޮޅަކަށް ބާލައިގެން އަތޮޅުތެރޭގެ ހާލަތު ބެލޭނެކަމަށް ބަލާފައި ދެން އަޅުގަނޑުމެން މަސައްކަތް ފެށީ ގުޅަން،" އޭރު އަޑުގެ ޓެކްނީޝަނެއްގެ މަގާމުގައި ހުންނެވި މުޙައްމަދު ޒަހީން ވިދާޅުވިއެވެ.
އަޑުގެ އޮފީސްތެރޭގައި ހެދި އެ ސެޓަޕު މެދުވެރިކޮށް އެކި ފްރެކުއެންސީތަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، މާ ގިނައިރު ތަކެއް ނުވެ، އެންމެ ފުރަތަމަ ގުޅުނީ މ. އަތޮޅު ބޭރުގައި އޮތް މަސް ކިރާ ބޯޓަކަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން އެއީ ހޮރައިޒަން ފިޝަރީޒްގެ ބޯޓެއް. ބޯޓާ ގުޅުނީމައި އަޅުގަނޑުމެން އެ ބޯޓްގައި ބުނިން މިކަހަލަ މިކަހަލަ ކަމެއް ދިމާވެގެންނޭ މިއުޅެނީ އެއްވެސް ބަޔަކާ ނުގުޅޭ. އެ މީހުންނަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް އޮޅުން ފިލުވައި ދިނިން." ޒަހީން ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ގުޅުނުއިރު އެ ބޯޓް މި އޮންނަނީ މުލަކާއި މުއްޔާ ދޭތެރޭގައި. މ. އަތޮޅަކީ ވަރަށް މަސްވެރި އަތޮޅެއް ވީމައި މަސް ކިރާ ބޯޓެއް. މި މީހުންނަށް ނޭނގޭ ކަންތައްތައް ވެގެން އުޅޭ ގޮތެއް. ކިޔާދިނީމަ މި މީހުން ޑިންގީގައި ފޭބީ. ކަންދިމާވި ގޮތުން މުއްޔަކީ މީގެ އިފެކްޓް ވަރަށް ބޮޑަށް ދިމާވި ރަށެއް. މ. އަތޮޅުގެ ތިން ރަށަކަށް ވަރަށް ބޮޑަށް ގެއްލުން ވެގެން ކޮޅުފުއްޓާއި މުއްޔާއި މަޑިފުއްޓާ. ދެން އެ މީހުން ފައިބަނީ. ފައިބާފަ އެ ރަށުގެ ހާލަތު ދެނެގަނެފައި އަޅުގަނޑުމެންނަށް ކިޔާ ދެނީ،"
އެއީ މާލެއަށް އަތޮޅުތެރޭގެ ހާލަތު އެނގެން ފެށި ހިސާބެވެ. އެ ސެޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޙަރަކާތްތެރިވާ ބޯޓްތަކަށް ގުޅެންފެށިއެވެ. އަތޮޅުވެރިން ވެސް ބޯޓްތަކަށް ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވަން ފެއްޓެވިއެވެ. އެއާއެކު އަތޮޅުތެރޭގެ ހާލަތު މަޑުމަޑުން އެނގެންފެށިއެވެ. އެ ސެޓުން ގުޅައިގެން ލިބެމުން ދިޔަ ހުރިހާ މައުލޫމާތެއް ގެންދިޔައީ ކެސެޓް ރޯލަށް ރެކޯޑް ކުރަމުންނެވެ. އޭރު ސުނާމީ ކާރިސާއިން އަރައިގަތުމަށް ޚާއްސަ ސެންޓަރެއް ވަނީ އިސްކަންދަރު ސްކޫލުގައި ގާއިމު ކޮށްފައެވެ. އެ ސެންޓަރަށް އަތޮޅުތެރޭގެ ހާލަތު ބުނެދެމުން ދިޔައީ އަޑުގައި ގާއިމު ކުރި ސެޓަޕް މެދުވެރިކޮށެވެ.
"އިސްކަންދަރު ސްކޫލަށް އަޅުގަނޑު އޯޑިއޯ ޓޭޕް ހިފައިގެން ގޮސް އެތަނުގައި އޭރު ތިއްބެވި ސިފައިންގޭގެ އޭރު އެންމެ މައްޗަށް ތިއްބެވި ބޭފުޅުން ކަމަށްވާ މުޙައްމަދު ޒާހިރާއި އިސްމާއިލް ޝަފީއު. ދެން އެ މީހުންނަށް އަޅުގަނޑު ދަންނަވައިފިން މިހުރީ ރެކޯޑް ކޮށްފައި ޓޭޕޭ ރާއްޖެތެރޭގެ ހާލަތު މިހާރު ލިބެން އޮތީ މިގޮތަށޭ،" އަޙްމަދު މަނިކު ވިދާޅުވިއެވެ.
އެ މައުލޫމާތުތައް ލިބުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސުނާމީ މެނޭޖްމަންޓް ސެންޓަރަށް ފަސޭހަވިއެވެ. އޭރު ވެސް އަޑުގެ ޓެކްނީޝަނުން ގެންދެވީ ޓްރާންސްމީޓަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންނެވެ. ބާލިދީ އެއްޗެހި ބޭނުންކޮށްގެން އެންޓަނާތަކުގެ ބުޑުން ފެން ހިއްކައިގެން އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރޭޑިއޯގެ ޚިދުމަތް އަލުން ދޭންފެށުނެވެ. ހިނގައިގެން އުޅޭ ކާރިސާގެ މައުލޫމާތު މުޅި ރާއްޖެއަށް ރޭޑިއޯ މެދުވެރިކޮށް ދޭން ފެށިއިރު އަތޮޅުތެރޭގެ ޚަބަރުތައް އޭރު ވެސް ހޯދަމުން ދިޔައީ އަޑުގައި ގާއިމް ކުރި ސެޓަޕް މެދުވެރިކޮށެވެ. ފަހުން އެ ސެޓަޕް ބަދަލުކުރީ ސޯޝަލް ސެންޓަރަށެވެ. ދިރާގުގެ މޯބައިލް ނެޓްވޯކް ރަނގަޅު ވަންދެން އެ ސެޓަޕްވީ ވަރަށް މުހިންމު ވަސީލަތަކަށެވެ. މަހެއްހާ ދުވަސް ވަންދެން އަތޮޅުތެރޭގެ މައުލޫމާތު ހޯދުމަށް އެ ސެޓަޕް ބޭނުން ކުރިއެވެ.
"ހއ. އިން ފަށައިގެން ގޮސް އައްޑު އަތޮޅާ ދޭތެރޭގެ ހަމަ ހުރިހާ ރަށްރަށެއް އަޅުގަނޑުމެން ވާހަކަ ދެކެވި ހާލު ބަލަން. އަޅުގަނޑުމެން ޑިއުޓީ ބަދަލުވާއިރު ވެސް. އަޅުގަނޑުމެން މާބޮޑަށް ނިދިއާއިމަ ކަނަކަށް ވަންނަނީ. ބޯޑުގައި ލިޔެގެން މިވެނިތަނެއްގެ ހާލަތު އޮތީ މިހެންނޭ މިވެނި ކަމެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ގެއްލިފައި ތިބޭ މީހުން ގުޅުވައި ވެސް ދީ އެކަހަލަ ކަންކަން ވެސް ކުރަން ވެސް ޖެހުނު. އަސްލަކަށް އަޅުގަނޑު މި ވާހަކަ މިހެން ދެއްކި ނަމަވެސް ވަރަށް ހިތްދަތި ކަންތައްތަކެއް އެއީ. އޭރުގެ މީހުންގެ އިހުސާސްތަކާއި އެވާހަކަ ދައްކާ މީހުން ތިބޭގޮތާ." ޒަހީން ވިދާޅުވިއެވެ.
އަތޮޅު ތެރޭގެ ހާލަތު ބެލުމަށް ރަށްރަށަށް
އަޑުގައި ގާއިމުކުރި ސެޓަޕުން އެއްކުރެވުނު މައުލޫމާތުން އެނގުނީ އަތޮޅުތެރެ އޮތީ ވަރަށް ހާލުގައި ކަމެވެ. އެތައް ބަޔަކު މަރުވެ، ގެތައް ފުނޑުފުނޑުވެފައިވާ ކަމެވެ. އެ ހާލަތު ކައިރިން ބެލުމަށާއި އެ މައުލޫމާތު މުޅި ރާއްޖެއަށް ގެނެސްދިނުމަށް ދިވެހި ރާއްޖޭގެ އަޑުގެ ޓީމުން އަނެއްކާ ވެސް މަސައްކަތް ފެށިއެވެ. މިފަހަރު އަތޮޅުތެރެއަށް ގޮސްގެންނެވެ.
އަޑުގެ ޕްރޮޑިއުސަރުންނާއި އެނައުންސަރުންގެ އިތުރުން ޓެކްނިކަލް ޓީމް ހިމެނޭގޮތަށް 10 މީހުންގެ ޓީމެއް ސުނާމީ އެރި ހަފުތާގައި އަތޮޅުތެރެއަށް ފުރިއެވެ. އެ ޓީމުގައި އިސްކޮށް ހުންނެވީ އޭރު ރޭޑިއޯގެ ޑިރެކްޓާ ޖެނެރަލް އަކަށް ހުންނެވި ބަދުރުއްނަޞީރެވެ.
މާލެއިން ދެކުނަށް އެ ޓީމް ދަތުރުފެށީ ދަތުރުކުރި ސަފާރީގައި ވަގުތުން ލައިވް ކުރެވޭ ގޮތަށް ސްޓޫޑިއޯއެއް ވެސް ހަދައިގެންނެވެ.
"ފުރަތަމަ އަޅުގަނޑުމެން ވ. އަތޮޅު ފުލިދޫގައި ޖެއްސީ. ދެން ފުލިދޫން ނިންމާފައި އެހެން ދަމުން ދަމުން ގޮސް ތ. އަތޮޅާ ހަމައިން ކަންނޭނގެ އަޅުގަނޑުމެން އެ ދަތުރު ނިންމާލީ. އެ ހިސާބަށް އެންމެ ބޮޑަށް އަސަރު ކޮށްފައި އޮތީ. ކޮންމެ ރަށަކުން ވެސް ދިމާވީ އާދަޔާ ޚިލާފު ކަންތައްތައް. އެކަންކަން މިހާރު ވެސް ހަނދާނުގައި ހުރޭ. ބައެއް ރޭރޭ ހަނދާންވޭ އެކަންތައްތައް،" ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބަދުރު ވިދާޅުވިއެވެ.
"އަޅުގަނޑު ކައިރީގައި މީހަކު ކިޔައިދިން އޭނާގެ ދަރިފުޅު ގޮވައިގެން އަތިރިމަތީގައި ހުއްޓާ އޭނާއާއެއްކޮށް ދަރިފުޅު މޫދަށް ވެއްޓި ވިލުތެރެއަށް ދަމައިގަތީއޭ. އޭނާއަށް ސަލާމަތް ނުވެގެން އެންމެ ފަހުން ދަރިފުޅު ދޫކޮށްލިއްޔޭ. ދޫކޮށްލާފައޭ އޭނާ ސަލާމަތްވީ. ދަރިފުޅު މަރުވެގެން ދިޔަތަން ވެސް އޭނާއަށް ފެނުނު. އަޅުގަނޑު ހަނދާން ވަނީ އެއީ ކޮޅުފުއްޓޭ."
ކަވަރޭޖް ހެދުމަށް އެ ޓީމުގެ މީހުން ސަފާރީން ރަށްރަށަށް ފޭބިއެވެ. މީހުންނާ ވާހަކަ ދައްކައިގެން ހާލަތު ބެލުމަށް ފަހު ޕްރޮގްރާމްތައް ހަދައި މުޅި ރާއްޖެއަށް ގެނެސްދޭންފެށިއެވެ.
ރަށްރަށަށް ފޭބިއިރު ފެނުނީ ވަރަށް ވެސް ހިތްދަތި މަންޒަރެކެވެ. ގެތައް ވެއްޓި ފުނޑުފުނޑުވުމުގެ ސަބަބުން މަގެއް ނޯވެއެވެ. މުޅިންހެން ދުވަނީ ކުނި ވަހެވެ. ފެންނަނީ މާޔޫސްވެފައިވާ މީހުންތަކެވެ. އެ މީހުން އުޅެމުން ދިޔައީ އުނދަގޫ ދިރިއުޅުމެކެވެ.
"ވ. އަށް ފަހު އަޅުގަނޑުމެން މ. އަތޮޅަށް ދިޔައީ. މ. އަތޮޅުގައި އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެންމެ އަސަރު ކުރާ މަންޒަރަކަށް ދިމާވީ މ. އަތޮޅު މަޑިފުށި. އޭރު މަޑިފުށި ވަނީ އެއްކޮށް ހަލާކުވެފައި އެއީ އަޅުގަނޑުގެ ހަޔާތުގައި ވެސް ފެނުނު އެކަހަލަ އެންމެ ހިތްދަތި މަންޒަރު،" ޒަހީން ވިދާޅުވިއެވެ.
"މީހުން ތިބެނީ ވާހަކަ ދެއްކޭކަހަލަ ހާލަތެއްގައެއް ނޫން. ރަށެއް ނެތިގޮސް އަޅުގަނޑަށް ނޭނގެ ސިފަކޮށްދޭނެ ގޮތެއް ވެސް. މި ކަހަލަ މަންޒަރު ފެންނާނީ ފިލްމުތަކުން ތަންތަން ގޮއްވާލާފައި އޮންނައިރު ފެންނަ ގޮތް."
ދިވެހި ރާއްޖޭގެ އަޑުން ރަށްރަށުގެ ހާލަތު ގެނެސް ދޭން ފެށުމާއެކު ފެންނަން ފެށީ ދިވެހީންގެ އެކުވެރި ކަމެވެ. ސުނާމީގައި މާބޮޑު އަސަރެއް ނުކުރާ ރަށްތަކަށް ހާލުގައި ޖެހިފައިވާ ރަށްތަކުގެ މައުލޫމާތު ރޭޑިއޯއިން އެނގުމުން އެ ރަށްރަށު މީހުން އަވަސްވެގަތީ އެހީތެރިވުމަށެވެ.
"ދޯނިދޯނީގައި އެބަ އާދޭ ހާލުގައި ޖެހިފައިވާ ރަށްރަށަށް ކާބޯތަކެއްޗާއި އަންނައުނާ މިކަހަލަ ސާމާނުތައް ހިފައިގެން ބައިވަރު. ދޯނިދޯނީގައި އައިސް ހިލޭ ސާބަހަށް މި އެއްޗެހި ދީ އަނެއްކާ އެ މީހުން ތަންތަނަށް ގެންގޮސްދީ އެކަހަލަ ކަންކަން ބައިވަރު ހިނގަމުން ދިޔަ. އެކަހަލަ ބައިވަރު ބައިވަރު ކަންކަން ހިނގި. އެކަންކަން އަޅުގަނޑުމެންގެ ޕްރޮޑިއުސަރުން ކަލެކްޓްކުރި،" ބަދުރު ވިދާޅުވިއެވެ.
އެހާ ހިތްދަތި ވަގުތެއްގައި ދިގު ކަނޑު ދަތުރެއްކޮށް އަޑުގެ ޓީމުން ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ. އޭގެ ތެރެއިން އެ ޓީމްގެ ބައެއް މީހުންނަށް ވެސް ނަފްސާނީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް މައްސަލަތައް ކުރިމަތިވިއެވެ. ދަތުރުގެ ވަކި ހިސާބަކުން ބައެއް މީހުން މާލެ ފޮނުވަން ވެސް ޖެހުނެވެ. ފަހުން ވަނީ އެ ދަތުރު އުތުރުގެ ރަށްތަކަށް ވެސް ކޮށްފައެވެ. މުޅި ރާއްޖެ ހުއްޓުން އެރި ދުވަސްވަރު މި ކުރީ ތަފާތު މަސައްކަތްތަކެކެވެ.
އެ ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ގެދޮރެއް ބިމާ ހަމަވެ، އެތައް ބައެއްގެ ހަޔާތުގައި ދިރިއުޅުމަށް ކޮށްފައިވާ ބުރަ މަސައްކަތުން ހޯދައިފާ ހުރިހާއެއްޗެއް ނެތިގޮސް، ދިރިއުޅުން ހުއްޓުމަކަށް އައެވެ. އޭގެ ފަހުން 18 އަހަރު މިއަދަށް ފުރުނުއިރު އެ ދުވަހުގެ ހަނދާންތައް އަދިވެސް ފިލައިގެން ނުދެއެވެ.
"އަޅުގަނޑު ވެސް މިދެންނެވީ އަޅުގަނޑަށް ވެސް ބައެއް ފަހަރަށް ހަމަ އެތަންތަން ފެންނަހެން ހީވަނީ ހަމަ. ހަމަ ވަރަށް އަސަރު ކުރޭ،" ބަދުރު ވިދާޅުވިއެވެ.