ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ވާ ގޮތަކުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފާނެ ކަމުގެ އިޝާރާތެއް މާފަންނު މެދު ދާއިރާގެ މެެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރައްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާނެކަން އެޕާޓީން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެއަށްފަހު، ރައީސް ނަޝީދު ވެސް މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި ޕާޓީގެ އެންމެހައި މެމްބަރުން އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނައިރު ޕާޓީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނެކެވެ.
ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ އެމަނިކުފާނަށް ވަފާތެރި ބޭފުޅެއް ކަމަށްވާ ބޮންޑެ، "ސަން"އަށް ވިދާޅުވީ އެންމެ ފަހު ވަގުތާ ޖެހެންދެން ރައީސް ނަޝީދު މަސައްކަތްކުރައްވާނީ އިސްލާހަށް ކަމަށާއި އެކަން ކާމިޔާބު ނުވެއްޖެ ނަމަ އެ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެން ރާއްޖެއިން ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ވަޑައިގަންނަވާއިރު، ކަންކަން ނިމޭނީ ވަރަށް ހިތިކޮށް ކަމަށެވެ.
"ޕްރައިމަރީގަ ވާ ގޮތަކުން ދެން މިކަމުގެ ތެރޭގައި މާބޮޑަށް ނޫޅުއްވާ ފުރައިގެން ވަޑައިގަންނަވާނެ ކަމަށް ބެލެވީ. އެމަނިކުފާނަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ލީޑަރެއް. އދ. އާއި އެހެން ތަންތަނުގެ ބޮޑެތި މަގާމުތަކުގައި ވެސް އުޅުއްވޭނެ ބޭފުޅެއް. އެހެންވީމަ އެކަމާ ދުރުވެގެންހެން އަޅުގަނޑަށް ހީވަނީ ދާނީ. އެ ދާއިރު ވަރަށް ހިތިކޮށް މިކަން ނިމިގެންދާނީ،" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތްކުރެއްވީ ސަރުކާރު ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަން ކަމަށެވެ. އެކަމަކު ސަރުކާރުން އެ ފުރުސަތެއް ނުދިން ކަމަށާއި އެހެންކަމުން އެ ފެކްޝަނުން މިހާރު ތިބީ ވީހާލެއްގައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަމެއް ބަރުލަމާނީ ނިޒާމަށް. އެއީ ހުރިހާ އެންމެން އެއްބަސްވާންޖެހޭ ކަމެއް. އެކަން އަޅުގަނޑުމެން އިއުލާން ކުރީމަ ޕާޓީން މި އޮތީ އެކަން ބޮލާލާ ޖަހާފަ. ޕާޓީން ނިންމީމަ ދެއްތޯ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. ދެން އިތުރުގޮތެއް ނޯންނާނެ ނޫންތޯ. އެހެންވީމަ އަޅުގަނޑުމެންގެ ފަލްސަފާއެއް އޮންނާނެ ވީހާލެއްގައި ވާން. މިހާރު މިތިބީ ވީހާލެއްގައިވާ ފޮމިއުލާގަ،" ބޮންޑެ ވިދާޅުވިއެވެ.
"މީގަ ދެކަމެއް އެބަވޭ. އަޅުގަނޑުމެންގެ ޕާޓީއެއް ވީމަ އެކަން ކުރަން ވެގެން ރައީސް ނަޝީދު ވަރަށް ފުރުސަތު ދެއްވައިފި."
މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު ޤަރާރެއް ހުށަހެޅުއްވިއެވެ.
އެ ޤަރާރުގައި ނިޒާމް ބަދަލު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާއި ރައިސުލްޖުމްހޫރިއްޔާ ހޮވޭނެ ގޮތް ބަދަލުކުރަން ހުށަހެޅިއެވެ. ނަމަވެސް ފަހުން އެމަނިކުފާނާއި ރައީސް ޞާލިޙް ކުރެއްވި މަޝްވަރާއަށް ފަހު ނަޝީދު ހުށައެޅުއްވި ގަރާރު ވަނީ އަބުރާ ގެންދަވާފައެވެ.
ބޮންޑެ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ކާމިޔާބު ނުވެ، މި 'ކޮރަޕްޓް' ނިޒާމަށް ވޯޓު ދޭން އެމްޑީޕީގެ މެމްބަރުން ނުނިކުންނާނެ ކަމަށެވެ.
"ދެން ރައީސް އާއި ސަރުކާރުގައި ތިބި ބަޔަކާ ވާދަ ކޮށްފާނެތަ. އެކަމަކު އަޅުގަނޑުމެންގެ މީހުން ނުނިކުންނާނެ. ނުކުންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެއީ އަޅުގަނޑުމެންނަކީ ގައުމު އިސްލާހު ކުރުމަށް ނުކުތް ބައެއް. އެހެންވީމަ އިސްލާހުގެ ފަޅިއަށް ބަލާއިރު، ޔާމީންގެ ފަޅިއެކޭ މިހާރު ސަރުކާރު ހިންގަން ތިބި ފަރާތެކޭ އެއްވަރު،" ބޮންޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ގައިގައި މި ނިޒާމަށް ވޯޓު ދިނުމުގެ ރޫހެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން "މަރުވެފައި ތިބި މައްޔިތުންތަކެއްގެ ގޮތުގައި ކަފުން ބަނދެގެން" ނުކުމު ވޯޓެއް ނުލާނެ ކަމަށާއި އެމީހުން އެދުވަހު ތިބޭނީ ގޭގައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.