ސަރުކާރުން އުޅެނީ ބިރުން، ނަޝީދަށް ވޯޓުލާ އެންމެން ޕާޓީން ނެރެފި: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

އެމްޑީޕީއިން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީން ވަކިކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާ އެޕާޓީން މިއަދު ވަނީ އެކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައެވެ.

އެޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުންނަށް، މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

ރިޔާސީ ޕްރައިމަރީއަކަށް އިއުލާނު ކުރިއިރު ޕާޓީގެ ތެރޭގައި ވާދަވެރި ސިޔާސީ މާހައުލެއް ނެތް ކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވަމުން ބޮންޑޭ މިއަދު ވިދާޅުވީ ނަޝީދު ވާދަކުރައްވާފާނެތީ ސަރުކާރުން ވަރަށް ބޮޑަށް ޖެހިލުންވާ ކަމަށެވެ.

"ފުރަތަމަ ކުރި ކަމަކީ އެމްޑީޕީގެ، ރައީސް ނަޝީދަށް ވޯޓުލާ އެންމެން ޕާޓީން ވަކިކުރީ." އޭނާ ވިދާޅުވިއެވެ.

"އަދާލަތު ޕާޓީންނާއި، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އެކި ތަންތަނުން ގެނައި ބޭބޭފުޅުން ޕާޓީއަށް ވެއްދީ. ވައްދާފައި ފޯމްތައް އެޖަސްޓް ކޮށްފައި ދެން މި އިއުލާނުކޮށްލަނީ. އިލެކްޝަން ކޮމިޝަން އިސްލާހުނުވެ މިކަމެއް ނުވާނެ،"

އޭނާ ވިދާޅުވީ ސަރުކާރުން ގެންދަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެތެރޭ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި، ނަޝީދަށް ވާދަކުރެއްވެން ހުރި ދޮރުތައް ބަންދުކުރުމަށް ވެސް ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ބޮންޑޭ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ސަރުކާރުން ރިޔާސީ ޕްރައިމަރީގެ ތެރެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެމްޑީޕީން މިއަދު ވަނީ ރިޔާސީ ޕްރައިމަރީއާއި ގުޅޭ މުހިއްމު ތާރީޚުތަކެއް އިއުލާނުކޮށްފައެވެ. މިގޮތުން:

  • 18 ޑިސެމްބަރު 2022– ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން
  • 24 ޑިސެމްބަރު 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ސުންގަޑި
  • 03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
  • 28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް


އެޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ޞާލިޙް ވަނީ ފާޅުކުރައްވާފައެވެ. އަދި، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައި، ޕާޓީގެ މެންބަރުން އެ މަނިިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.

އެހެންވެ، އެޕާޓީގައި ދެ ފެކްޝަން އުފެދި، އެއް ފެކްޝަން އަނެއް ފެކްޝަނާ ދަނީ އަރާރުންވަމުންނެވެ.

comment ކޮމެންޓް