ފައިނަލަށް ނުދެވުނަސް، މުޅި ދުނިޔެއިން މޮރޮކޯގެ ކުޅުމަށް ތައުރީފުގެ ބަސްތައް

ދަނޑަށް ވަން މޮރޮކޯގެ ސަޕޯޓަރުން --ފޮޓޯ/ގެޓީ އިމޭޖަސް

މޮރޮކޯއިން ފީފާ ވޯލްޑް ކަޕު 2022ގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރާނެ ކަމަށް، ވޯލްޑް ކަޕު ފެށުމުގެ ކުރިން އެކަކުވެސް ހިތަށްވެސް ނާރާނެއެވެ.

މީހަކު އެހެން ބުނެފިނަމަ އެކަމަށް މަލާމާތް ކުރާނެ އެތައް ބަޔަކު ތިބޭނެއެވެ. އެއީ ތާރީޚާއި، ފުޓުބޯޅައިގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، މޮރޮކޯއަށް އެހާ ހިސާބަށް ދެވިދާނެ ކަމަށް އެކަކަށްވެސް ގަބޫލު ނުކުރެވޭތީއެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދުނިޔޭގެ ރޭންކިންގައި 22 ވަނައިގައި އޮތް މޮރޮކޯއަކީ މީގެކުރިން އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ ފޭވަރިޓެކޭވެސް ބުނެވޭކަށް ނެތެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި މޮރޮކޯއަށް އުފުލާލެވިފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީވެސް 1976 ވަނަ އަހަރުއެވެ. ފަހުގެ ތާރީޚެއްގައި މޮރޮކޯއަށް އެ މުބާރާތުގައި ބޮޑު ކާމިޔާބީއެއް ހޯދިފައި ވަނީ 2004 ވަނަ އަހަރުއެވެ. އެއީ ޓިއުނީޝިއާގައި ބޭއްވި މުބާރާތުގައި ރަނަރަޕް ކަން ހޯދުމެވެ.

އެހެންނަމަވެސް ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ފަށައިގެން މޮރޮކޯއިން ސާބިތުކޮށްދިނީ ފުޓުބޯޅައަކީ ހަމަ ހަގީގަތުގައިވެސް "ވަށް" އެއްޗެއް ކަމެވެ. ގަދަ ހިތްވަރާއި، ބުރަ މަސައްކަތުން ހާސިލް ނުވާނެ ހަމަ އެއްވެސް ކަމެއް ނެތްކަމެވެ. ތަފާސްހިސާބާއި، ތާރީޚަކީ ފުޓުބޯޅައިގައި ކާމިޔާބީ ހޯދުމަށް އޮތް ހުރަހެއް ނޫން ކަމެވެ.

މުބާރާތުގައި މޮރޮކޯއިން ފުރަތަމަ މެޗުގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް، ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ މެޗު 0-0 އިންވީ އެއްވަރެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ވާދަކުރަން ޖެހުނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމާއި ދެކޮޅަށެވެ. އެ މެޗު 0-2 އިން ކާމިޔާބުކޮށް މޮރޮކޯއިން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. ތިންވަނަ މެޗުގައި މޮރޮކޯއިން ކެނެޑާގެ މައްޗަށް 1-2 އިން ކުރިހޯދައި، ދެވަނަ ބުރުގެ ޖާގައެއް ހޯދީ އެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރައުންޑް އޮފް 16 ގައި ސްޕެއިންއާ ދެކޮޅަށް މޮރޮކޯ ކުޅެން ޖެހުމުން ގިނަބަޔަކު ހީކުރީ މުބާރާތުން މޮރޮކޯ ކަޓާނެ ކަމަށެވެ. ޒުވާން، ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސްޕެއިންއަށް، "ތާރީޚާއި ތަފާސްހިސާބަށް" ބަލާނަމަ، މޮރޮކޯ ބަލި ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. އެހެންނަމަވެސް، ޑިފެންސިވް މޮޅު ގޭމެއް ކުޅެގެން އަދި ކީޕަރު ޔާސީން ބޮއުނޯގެ މޮޅު ކުޅުމާއެކު ޕެނަލްޓީގައި ސްޕެއިން ބަލިކޮށް މޮރޮކޯއިން ކުއާޓާ ފައިނަލުން ޖާގަ ހޯދިއެވެ. އެ މެޗުގައި ޕެނަލްޓީ ޝޫޓްއައުޓަށް ދާން ޖެހުނުއިރު، ޕެނަލްޓީގައި ވެސް މޮރޮކޯގެ ގޯލަށް ބޯޅަ ވައްދާ ނުލެވުނެވެ.

ސްޕެއިންގެ މައްޗަށް ހޯދި ކާމިޔާބީއަށްފަހު މޮރޮކޯގެ ކުޅުންތެރިން ކީޕަރު ޔާސީން ބޮއުނޯއާއެކު އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މިއާއެކު މޮރޮކޯއާމެދު މީހުން ދެކެމުން އައި ގޮތް ބަދަލުވެ، މިއީ މޮރޮކޯގެ ފަހަރެއް ކަމަށް ބެލެވެން ފެށިއެވެ. އެ ނަޒަރިއްޔާއަށް އިތުރު ބާރެއް ލިބުނީ، ކުއާޓާ ފައިނަލުގައި 90 މިނެޓުގެ ތެރޭގައި މޮރޮކޯއިން 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްގެ މައްޗަށް ހޯދި މޮޅާއެކުއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ސެމީ ފައިނަލާ ހަމައަށް އައިއިރު މޮރޮކޯގެ ގޯލަށް، އިދިކޮޅު އެއްވެސް ޓީމެއްގެ ކުޅުންތެރިއަކަށް ލަނޑެއް ނުޖެހޭ ކަމެވެ. މޮރޮކޯ ކޮޅަށް ވަން ހަމައެކަނި ލަނޑަކީ ކެނެޑާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.

ސެމީ ފައިނަލުގައި ވަރުގަދަ ފްރާންސާ ޖެހުންވީ، މޮރޮކޯގެ ކާމިޔާބީގެ މަންޒިލާ ހަމައަށް ކުރަމުންދިޔަ ދަތުރަށް ކުރިމަތިވި ބޮޑު ކޮޅިގަނޑަކަށެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، މިވަގުތު ދުނިޔޭގައި އެންމެ ވަރުގަދަ އެއް ސްކޮޑު އޮތް ފްރާންސާ ދެކޮޅަށް މޮރޮކޯ ނުކުތްއިރުވެސް، މި މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރިކަމީ، މުބާރާތުގައި އެ ޓީމުގެ ކުޅުންތެރިން ދެއްކީ، ތައުރީފު ހައްގު ކުޅުމެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ.

މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާ މޮރޮކޯއަށް ފްރާންސާ ދެކޮޅަށް ކުޅެ ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، މުސްލިމުންގެ އިތުރުން، މުޅި ދުނިޔެވެސް އަންނަނީ އެޓީމަށް ތައުރީފު ކުރަމުންނެވެ. ސަނާ ކިޔަމުންނެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ނޫސްވެރިޔާ، ފެބްރީޒިއޯ ރޮމާނޯއާއި، ބޮޑެތި ނޫސް މަޖައްލާ ތަކުންވެސް އަންނަނީ މޮރޮކޯގެ ކުޅުންތެރިންނަށް ހިތްވަރުދީ، ތައުރީފުގެ ބަސްތައް ފޮނުވަމުންނެވެ.

މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ އިތުރުން، މުސްލިމުންގެ ތައުރީފު މޮރޮކޯއަށް ލިބުނު އެހެން ސަބަބުތަކެއްވެސް އެބަ ހުއްޓެވެ. އެގޮތުން ކޮންމެ ކާމިޔާބީއަކާއިއެކު، ފަލަސްޠީނުގެ ދިދަ ދަނޑު މަތީގައި ވިހުރުވާލައި، މޮރޮކޯގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިން އިސްރާއީލުން ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ އުޅުން ކުށްވެރިކުރާކަން ހާމަކޮށްފައެވެ.

ސްޕެއިން ބަލިކުރުމަށްފަހު މޮރޮކޯގެ ކުޅުންތެރިން ފަލަސްޠީނުގެ ދިދައާއެކު --

އަދި ކޮންމެ މެޗަކަށްފަހު އުފާ ފާޅުކުރުމުގައި، މޮރޮކޯގެ ކުޅުންތެރިން އެ ކުޅުންތެރިންގެ އާއިލާ މެމްބަރުން، ހާއްސަ ގޮތެއްގައި މަންމައިންނާއެކު އުފާ ފާޅުކުރުންވީ، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓުނު ކަމަކަށެވެ. ކޮންމެ ކާމިޔާބީއަކަށްފަހު ޝުކުރުގެ ސަޖިދައެއް މޮރޮކޯގެ ކުޅުންތެރިން ޖެހިއިރު، އެކަންވެސްވީ ގިނަބައެއްގެ ސަމާލުކަން އެ ޓީމަށް ލިބުނު ކަމަކަށެވެ. އިސްލާމީ ރިވެހި އަހްލާގުގެ މަތީގައި އެ ކުޅުންތެރިން ތިބުންވީ މުޅި އުންމަތް އެމީހުންނަށް ސަނާކީ ކަމަކަށެވެ.

ފްރާންސް އަތުން ބަލިވި ނަމަވެސް، މުބާރާތުގެ ސެމީއާ ހަމައަށް ދަތުރުކުރެވުމުން މޮރޮކޯގެ ކުޅުންތެރިން ޝުކުރުގެ ސަޖިދައެއް ޖަހަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މުބާރާތުގެ ފައިނަލަށް މޮރޮކޯއަށް ދަތުރު ނުކުރެވުނު ނަމަވެސް، މި ދަތުރުގައި މޮރޮކޯއިން ދެއްކި ކުޅުމާއި، ދެއްކި މިސާލަށް، މުޅި ދުނިޔެ އަންނަނީ ތައުރީފު ކުރަމުންނެވެ.

މޮރޮކޯއަށް ކުރިއަށްވެސް އޮތީ މުހިންމު މެޗެކެވެ. ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައިވެސް ހުރިހާ ދިވެހިން ހިމެނޭހެން، މުޅި އިސްލާމީ އުންމަތް މޮރޮކޯގެ ފަހަތުގައި ތިބޭނެކަން ގައިމެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 8 ޖަހާއިރުއެވެ.

comment ކޮމެންޓް