ދެހާސް ތިރީސް ހަތަރު ވަނަ އަހަރު ސަޢުދީ އަރަބިޔާގައި ބާއްވާ ވޯލްޑް ކަޕްގައި ފުޓްބޯޅަ ސަޕޯޓަރުން މެޗުތަކަށް ހާޒިރުވާއިރު ބަނގުރާ ގަތުމާއި ބުއިމުގެ ފުރުސަތު ނުދޭނެ ކަމަށް ފީފާގެ އިސް އޮފިޝަލުން ހާމަކޮށްފިއެވެ.
ދަ ގާޑިއަން ނޫހުން ބުނެފައިވާ ގޮތުގައި ނަން ހާމަނުކުރުމަށް އެދި ފީފާގެ އިސް ދެ އޮފިޝަލުން ވަނީ އެ މެޗުތަކުގައި ބަނގުރާ މަނާކުރުމުގެ އުސޫލު އެކަށައަޅާނެކަން ކަށަވަރުކޮށްދީފައެވެ.
އެކަމާ ގުޅޭ ގޮތުން ފީފާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނެތް ނަމަވެސް ސަޢުދީ ސަރުކާރުން ބުނެފައިވާ ގޮތަށް އެއްބަސްވާން ނިންމީ މީގެ ދެ އަހަރު ކުރިން ޤަތަރުގައި ބޭއްވި ވޯލްޑް ކަޕުން ލިބުނު "ފިލާވަޅުތަކުގެ" ނަތީޖާއަށް ބަލާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އެ އަހަރު ވޯލްޑް ކަޕް މެޗުތައް ފެށުމުގެ ކުރިން ޤަތަރު ސަރުކާރުން ފުރަތަމަ ވަނީ ދަނޑުތަކުގެ ތެރޭގައި ބަނގުރާ ވިއްކުމާއި އެކަމަށް ކަނޑައެޅިފައިވާ ޒޯންތައް ހުއްދަކޮށްފައެވެ. އޭގެފަހުން ފަހުން ސަޕޯޓަރުންނަށް ދަނޑުތަކަށް ބަނގުރާ ގެންދިއުން މަނާކުރިއެވެ. އަދި މެޗްތައް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ބަނގުރާ ގެންދިއުމާ ވިއްކުން އަދި ބޭނުންކުރުންވެސް މަނާކުރިއެވެ.
ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ފީފާއިން ސަޢުދީއަށް ހަވާލުކޮށްފައި ވަނީ މިދިޔަ ހަފުތާގައެވެ. މިއީ މެދުއިރުމަތީގެ ގައުމަކުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.