2030ގެ ވޯލްޑް ކަޕް، ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައި؛ 2034 ގައި ސައުދީގައި

ކުރިއަށް އޮތް 2030 އަދި 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާނެ ޤައުމުތަށް ފީފާއިން ކަނޑައަޅައިފިއެވެ.

އެ ޖަމިއްޔާގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގެ ބައްދަލުވުމެއްގައި ފީފާގެ މެންބަރު 211 އެސޯސިއޭޝަންތަކުން ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވެފައިވެއެވެ. މި ކޮންގްރެސްއިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއިން ގުޅިގެން ބާއްވަން ނިންމިއިރު ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެމުބާރާތުގެ ތިން މެޗެއްް އާޖެންޓީނާ، ޕެރަގުއާއީ އަދި އުރުގުއާއީގައި ބޭއްވުމަށް ވެސް ވަނީ ފީފާއިން ނިންމާފައެވެ.

މީގެ އިތުުރުން، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ ޤައުމަކަށް ސައުދީއަރަބިއާ ވެސް ވަނީ މި ކޮންގްރެސްގައި ކަނޑައަޅާފައެވެ.

ސައުދީ އަރަބިއާގައި މި މުބާރާތް ބޭއްވުމާ މެދު ކުރިން ހިޔާލު ތަފާތުވެފައި ތިބި ބައެއް ޤައުމުތަކުގެ އެސޯސިއޭޝަންތަކުން ވަނީ ސައުދީ އަރަބިއާގައި އެއްވެސް މައްސަލައެއް އެ ޤައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ފީފާއިން ދިނުމާ އެކު ވޯޓުގައި ބައިވެރިވެފައެވެ.

ސައުދީ އަރަބިއާއިން މިހާރު ވަނީ އެ ޤައުމުގައި މުބާރާތް ބާއްވާނެ 15 ސްޓޭޑިއަމްގެ ތެރެއިން ހަތަރު ސްޓޭޑިއަމް ހަދާ ނިންމާފައެވެ.

comment ކޮމެންޓް