ޝިމާޒަށް ހަމަލާދިނުން: 21 އަހަރުގެ ޒުވާނެއްގެ ބަންދަށް 10 ދުވަސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ---

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް، މަގުމަތިން ދިން ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ޝިމާޒްއަށް ހަމާލާ ދީފައިވަނީ މި މަހުގެ 18ވަނަ ދުވަހުގެ ރޭގައެވެ.

https://sun.mv/170583

އެކަމާ ގުޅުގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މި މަހުގެ 22ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މިދިޔަ ބުދަ ދުވަހު ވަނީ އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، ހައްޔަރުކުރި މީހާއަށް ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ޝިމާޒަށް ހަމާލާ ދިނުމުގެ ކުރިން އޭނާއަށް ބިރު ދައްކައި އޭނާގެ ސައިކަލަށް ވެސް ވަނީ ގެއްލުން ދީފައެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަން ވެސް ފަށައިފައެވެ.

https://sun.mv/170348

ހަމަލާއާ ގުޅިގެން ޝިމާޒް ވިދާޅުވީ، އެކަން ކުރުމުގެ ކުރިން އެކި ގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާއިރު، ފުލުހުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި އެކަން ކުރި ފަރާތްތަކާއި އަދި އެ ހަމަލާ ދިނުމުގެ އަޑީގަ ތިބި ފަރާތްތައް ވީހާ ވެސް އަވަހަކަށް ހޯދުމަށް އެދޭ ކަމަށެވެ. މަގުމަތިން ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ ގުޅުމެއް އޮތް ކަމަށް އަޑުފެތުރިފައިވާއިރު، ޖުމްހޫރީ ޕާޓީން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.

https://sun.mv/170592

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފައި ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

އެ މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މައްސަލައިގައި ޝިމާޒް މަގާމުން ވަކިކޮށްދޭން އެދި ނަހުލާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދާދިފަހުން ސިޓީއެއް ފޮނުއްވާފައެވެ.

https://sun.mv/169871

އެ ސިޓީގައި ނަހުލާ ވިދާޅުވެފައި ވަނީ ޝިމާޒާ ބެހޭގޮތުން ކޮރަޕްޝަންގެ ވަރަށް ސީރިއަސް މައްސަލަތަކެއް ތިލަވެފައިވާ ކަމަށާއި މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދޭން ރައީސްގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

ނަހުލާގެ ސިޓީއާ ގުޅިގެން ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ އެކަންކަން ބެލުމަށްފަހު އަޅާންޖެހޭ ފިޔަވަޅެއް އޮތްނަމަ، އަޅާނެ ކަމަށެވެ.

comment ކޮމެންޓް