ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި، އަބުރު ކަތިލުމަށް މަސައްކަތް ކުރި ނަމަވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޝިމާޒް ގެ އިތުރުން ހަ މީހެއްގެ މައްޗަށް ދުވާކުރަން ފޮނުވާފައިވެއެވެ. އެމައްސަލައާ ގުޅިގެން ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް މިނިސްޓަރު ނަހުލާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.
އޭގެފަހުން މިދިޔަ ހަފުތާގެ ތެރޭ ބަޔަކު ވަނީ ޝިމާޒްގެ ސައިކަލަށް ގެއްލުން ދީ އޭނާއަށް އިންޒާރު ދީފައެވެ. އެއަށްފަހު ބަޔަކު ވަނީ އޭނާއަށް މަގުމަތިން ހަމަލާ ދީފައެވެ. މިމައްސަލައާ މިނިސްޓަރު ނަހުލާ އާ ގުޅުމެއް އޮތް ކަމަށް އަޑުފެތުރިފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއް ނެތި ކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ އެކަމުގައި މިނިސްޓަރު ނަހުލާ އާއި އެކަމަނާގެ އާއިލާ މެމްބަރެއްގެ ޝާމިލްވުމެއް ނޯންނާނެ ކަމަށާއި، އެކަމަނާ އާ ގުޅޭގޮތުން ޚަބަރު ފަތުރަނީ ޒާތީ ގޮތެއްގައި އަބުރު ކަތިލަން ކަމަށެވެ. އަދި، އެކަމުގައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށްވެސް އެޕާޓީން ގޮވާލާފައިވެއެވެ.
އޭސީސީން ޝިމާޒްގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ދައުވާއެވެ.