އެމްޑީޕީގެ އިތުބާރު ގެއްލުވާ ނުލުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަޤާމުވެސް ފުރުއްވި ހަސަން ލަތީފް މިގޮތަށް ވިދާޅުވެފައިވަނީ، މިއަހަރުގެ ބަޖެޓުގެ ބޭރުން ޚަރަދުކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އޭގެ ތަފްސީލު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވުމުން އެ އިސްލާހު ފާސްނުކޮށް ދޫކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިއަހަރަށް ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުން ގޯސް ކަމަށާއި، އަދި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމި ނިނމުން އަދި މާބޮޑަށް ގޯސްކަމަށެވެ.
"އެހެން ނުހައްދަވާ އެތަފްސީލް ދެއްވާ. އެމްޑީޕީގެ އިތުބާރު ގެއްލުވާ ނުލައްވާ،" ހަސަން ލަތީފުގެ ޓްވީޓުގައި ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގެ ބޭރުން ޚަރަދުކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އޭގެ ތަފްސީލު ނުދޭން ނިންމި މައްސަލައިގައި ހަސަން ލަތީފުގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، ސަރުކާރު ތެރެ މިހާރު އޮތީ ފެކްޝަންތައް އުފެދި ސިޔާސީގޮތުން ވަރަށްބޮޑެތި ހިޔާލުތަފާތުވުންތަކެއްގެ ތެރޭގައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ސަރުކާރުން ހުށަހަޅާފައިވާ 160 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާާ ކުރާ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މީގެ ކުރިން ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާ ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.