ހަތަރު އަހަރު ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިފި

ފާއިތުވި ހަތަރު އަހަރު ހޯމް ސެކްޓަރ އިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރުމަށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައި, ކުރިން އަތުލައިފައިވާ މަސްތުވާތަކެއްޗާއެކު ޖުމްލަ 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަތަރު އަހަރު ހޯމް ސެކްޓަރ އިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ, އެންމެ އިސްކަމެއް ދީގެން މަސައްކަތް ކޮށްފައިވާނީ ދާޚިލީ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެކަމުގެ ތެރެއިން އެންމެ އިސްކަމެއް ދީފައިވާނީ މަސްތުވާތެކެތީގެ މައްސަލަ ހައްލު ކުރަން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"އެގޮތުން ވޭތުވެތި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލެވި ކުރީގައި ހުރި މަސްތުވާތަކެއްޗާ އެކު 1.9 ޓަނުގެ މަސްތުވާތަކެތި ވާނީ ނައްތާލެވިފައި," އިމްރާން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ, ފުލުހުންގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކަމެއް ދެނީ މަސްތުވާތަކެއްޗަށް ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު އޯގަނައިޒްވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ފަރާތްތައް ޓްރެފިކްކުރާ ޑްރަގްސްތައް އަޅުގަނޑުމެނަށް ހޯދޭ މިންވަރަކުން ހޯދަމުން އިތުރު ފިޔަވަޅުތައް އަޅަމުން އެތަކެތި ހޯދާ ނައްތާލަމުން މިދަނީ," ހަމީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު މަސްތުވާތަކެތީގެ 562 އޮޕަރޭޝަން ހިންގާފައިވާއިރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޖުމްލަ 11,955 މީހުން ހައްޔަރު ކޮށްފައިވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ މީހުންނާ ގުޅުންހުރި 6165 މައްސަލައެއް ތަހުގީގުކޮށް 2681 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކެފޭ އުސޫލުން ހިންގާ 35 ތަނެއް ހުރިއިރު އެތަންތަން ބަންދު ކުރުމަށް ހުރަސްތަކެއް ހުރިކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކޮންމެ ދުވަހަކު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރިކަން ފޯރުވަމުންދާ އެއް ބަޔަކީ މި ގައުމުގައި އުފެދި ބޮޑުވެފައިވާ ގޭންގްތައްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ, އެ ގޭންގްތަކުގެ ހަރަކާތްތައް މަދުކޮށް ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

"އެގޮތުން ގޭންގްތަކާ ޑީލް ކުރުމަށް ކުރު އަދި މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭނެއް ކަނޑައެޅި މިހާރު އަޅުގަނޑުމެން މިދަނީ އެކަންތައް ކުރަމުން," މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ ހެޔޮ އަސަރު މިހާރު ރައްޔިތުންނަށް ފެންނަމުން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ގޭންގްތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ދަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތައް ކުރަމުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް