ހުޅުމާލޭ ރެހެންދި ސްކޫލުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްކޫލުގެ ކަރަންޓު ވިއުގައަށް ގެއްލުން ވުމުން ސްކޫލުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލުގެ ކަރަންޓު ވިއުގައަށް ލިބުނު ގެއްލުންތައް ސްޓެލްކޯގެ ބެލުމުގެ ދަށުން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ގެއްލުން މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރެވެނީ އަންނަ އާދިއްދަ ދުވަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މާދަމާއިން ފެށިގެން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
އޮންލައިން ކްލާސްތަކުގެ ޓައިމްޓޭބަލް މިހަރު ބެލެނިވެރިންނާ ހިއްސާކޮށްފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މިނިސްޓްރީން ބުނީ، ފިލާވަޅުތަކާ ގުޅޭ އިތުރު މައުލޫމާތު ކްލާސްތަކުގެ ވައިބާ ގްރޫޕުތަކުގައި ހިއްސާކުރާނެކަމަށެވެ.
"މިގޮތުން ގޫގުލް މީޓް މެދުވެރިކޮށް ކްލާސްތައް ނެގުމާއި، ވައިބާ މެދުވެރިކޮށް ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމާއި، މަސައްކަތް ކަރުދާހުގެ ގޮތުގައި ހަވާލުކުރެވޭ މަސައްކަތާއި އަދި މައިދާނި ދަތުރުތައް ވެސް ރޭވިގެން ދާނެއެވެ،" މިނިސްޓްރީން ބުންޏެވެ.
ރެހެންދި ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުުނު 6:30ހާއިރު ކަމަށެވެ. އެއާއެކު ހުޅުމާލެ ފަޔާ އެންޑް ރެސްކިއުއިންވަނީ އެ އަލިފާންގަނޑު 07:19ހާއިރު ނިއްވައިލައިފައެވެ.
އަލިފާން ރޯވެފައިވަނީ އެ ސްކޫލުގެ ހަތަރުވަނަ ފްލޯއާއި ފަސްވަނަ ފްލޯގައި ހުރި ކަރަންޓު ބޯޑެއްގައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.