ރިޕޯޓް ނިމިފައި އޮންނަތާ ދެ ދުވަސް، ޖަލްސާ ނިންމީ ގަވާއިދާ ޚިލާފަށް: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ ގަވާއިދާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށް ވިދާޅުވެ ވޯޓަށް އެހުމަކާ ނުލައި ޖަލްސާ ނިންމަވާލައްވާފައެވެ.

އެއަށްފަހު ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. ކަން ހިނގާ ދިޔަ ގޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު އަސްލަމް "ސަން"އަށް ވިދާޅުވީ، ކޮމިޓީ ރިޕޯޓް ނިމިފައި ވާތާ ދެ ތިން ދުވަސް ވެފައިވާ ކަމަށާއި، މިއަދު އަމަލުކޮށްފައިވަނީ އާންމުކޮށް ކަން ކުރައްވާ އުސޫލުގެ ދަށުން ނޫން ކަމަށެވެ.

އެގޮތުން، އާންމުގޮތެއްގައި ވޯޓަށް އައްސަވާއިރު ކޯރަމް ނެތް ނަމަ ބެލް ޖެއްސެވުމަށް ފަހު ފަސް މިނެޓް މަޑުކުރައްވާ ކަމަށާއި، ނަމަވެސް މިއަދު ޖަލްސާ ނިންމަވާލެއްވީ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ހަފުތާ ހޯމަ ދުވަހުން ފެށިގެން މަސައްކަތް މިކުރަނީ ވޯޓަށް އަހަން. ބަޖެޓު ބަހުސް ކުރިއަށްދާތީ އޭ ކިޔާފަ ބިލް ކުރިއަށް ނުދޭ. އެކަމަކު އާންމު އުސޫލުން ބަޖެޓު ބަހުސް ތެރޭވެސް މުހިންމު ބިލްތައް ނިންމަވާނެ. ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ އެބަ މި ބިލް ފާސްކުރިއަ ނުދޭން." މެމްބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން މި ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މި ބިލް ދިރާސާކުރުމަށް ފަހު މަޖިލީހުން ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ތާވަލްވެސް ކޮށްފައިވެއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ހަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ.

comment ކޮމެންޓް