ޝަރަފް އަތުގައި އޮތް ވަޅީގައި ލޭ ހުރި, އުދައްޔުގެ ދޮންބައްޕަ މަރާލާނެ ކަމަށް ބުނި: ހެކި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދިނުމުން މަރުވި އުދައްޔު ----

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ހައްޔަރުކުރި ޝަރަފް ރަޝީދު އަތުން ލޭ ހުރި ވަޅިއެއް ފެނުނު ކަމަށާއި އެ ވަޅި ހިފައިގެންހުރެ އުދައްޔުގެ ދޮންބައްޕައަށް މަރުގެ އިންޒާރު ދިން ކަމަށް ހެކިވެރިއަކު ބުނެފިއެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އުއްދަޔު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމްއާއި، އެރަށު ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންއެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އުދައްޔު މަރާލި ކަމުގެ ކުށުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ދެ ހެކިވެރިން ވަނީ ހެކިބަސް ދީފައެވެ.

އޭގެ ތެރޭގައި ދެ ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިންގި އިރު އެ މަންޒަރު ފެނުނު މީހަކު ވެސް ހިމެނެއެވެ. ނަމަވެސް އެއްވެސް މީހަކު އުދައްޔުއަށް ހަމަލާ ދިން މަންޒަރު އޭނާއަށް ފެނިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

"ޝަރަފު ބުނީ ކަލޭގެ [އުދައްޔުގެ ދޮންބައްޕަ] މާރާލާނަމޭ. ކަލޭގެ ދަރިއަށް ހެދިހެން ކަލޭއަށް ވެސް ހަދާލާނަން," އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސް ދިން މީހާ ބުންޏެވެ.

ކަޅު ކުލައިގެ މަސް ވަޅިއެއް ޝަރަފު ހިފައިގެންހުރި އިރު އޭގައި ލޭ ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ދީފައިވަނީ ޝަރަފު ހައްޔަރު ކުރުމަށް ދިޔަ ފުލުހެކެވެ. ކޯޓު އަމުރު ހިފައިގެން އެ ގެއަށް ގޮސް ދޮރުގައި ޓަކި ދިނުމުން ނިކުމެފައިވަނީ ޝަރަފް ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ. އަދި ކޯޓު އަމުރުގައި އޮތް އެއްޗެއް ކިޔައިދިނުމަށްފަހު އޭނާއާ ކޯޓު އަމުރު ހަވާލުކޮށް ހައްޔަރު ކުރި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އުދައްޔު މަރާލިކަމުގެ ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް އެ ދައުވާ ސާބިތުވެ ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް