ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) 14 ދުވަހަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން މިއަދު ހުއްދަދީފިއެވެ.
އައްމަޓީގެ މައްޗަށް ކުރާ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ، ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް، އައްމަޓީ ފުރުން މަނާކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމަށް އޭނާގެ ފަރާތުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އެ ކޯޓަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލައިގައި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އައްމަޓީ ފުރުން މަނާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން އިއުތިރާޒު ނުކުރާ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
އެހެންވެ، އައްމަޓީ ރާއްޖޭން ބޭރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށް ފަހު އިމިގްރޭޝަނަށް ހުށަހެޅުމުން 14 ދުވަހަށް ފުރައިގެން ދާން ކްރިމިނަލް ކޯޓުން ވަނީ ހުއްދަ ދީފައެވެ. އަދި، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.
އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.