އިދިކޮޅު ކޯލިޝަނުން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަ، އެ ކޯލިޝަނުން މައާފަށް އެދެން ޖެހޭ: ނަހުލާ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ. ފޮޓޯ/ފޭސްބުކް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަކި ފަރާތްތަކަކަށް ތާއީދުކުރާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ގޭގެއަށް ގޮސް ވާހަކަދައްކަވާ ކަމަށް ބުނެ އެ ކޯލިޝަނުން ދެއްކި ވާހަކަ ނަހުލާ ދޮގުކުރައްވައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު މާދަމާ އޮންނާނެއެވެ. އެ އިންތިހާބުގައި ރައީސް ޔާމީން ވަކި ފަރާތްތަކަށް ތާއީދުކުރާ ކަމަށް ބުނެ ނަހުލާ އެކި ގޭގެއަށް ޒިޔާރާތްކޮށް ވާހަކަދައްވާ ކަމަށް ބުނެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލުވާލުމަށް ނަހުލާ މަސައްކަތް ކުރައްވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

އެކަމަށް ރައްދުދެއްވައި ނަހުލާ މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ހުރި ވާހަކަތައް ދޮގުކުރައްވާފައެވެ.

އެގޮތުން އިދިކޮޅު ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގައި ވިލިމާލެ ދާއިރާގެ ރައީސްކަމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އެ ތަނުން ވަކި މީހަކަށް ރައީސް ޔާމީން ތާއީދު ނުކުރައްވާނެކަން ރަނގަޅަށް އެނގިލައްވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެކަން ރަނގަޅަށް އެނގޭއިރު ރައީސް ޔާމީން ވަކި މީހަކަށް ތާއީދުކުރައްވާ ކަމަށް އެއްވެސް މީހަކު ގާތު ބުނެފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ނަހުލާގެ ބަޔާނުގައި ވަނީ، އެއީ އިދިކޮޅު ކޯލިޝަނުން އޭނާ އާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭހެން ނެރުނު ދެވަނަ ނޫސްބަޔާން ކަން ފާހަގަކުރައްވައިފައެވެ.

"ޚިޔާލު ފާޅުކުރުމުގެ މނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ބޭނުންކުރުމުގެ ސަބަބުން ނަހުލާ އާއި އޭނާގެ އާއިލާ ބަދުނާމުވާގޮތަށް ތަކުރާރުކޮށް ނޫސް ބަޔާންތަކެއް ނެރުމަކީ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްގަށް ގެއްލުންވާ ކަމެއް،" ނަހުލާގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ނަހުލާ އާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް އިދިކޮޅު ކޯލިޝަނުން ދޮގު މައުލޫމާތު ފަތުރާފައިވާތީ، އެ ޕާޓީން އެ ކަމަށް މާފަށް އެދެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެފަދަ ކަންކަން ތަކުރާރުވަމުން ދާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ހައްގުތައް ފުރިހަމައަށް
ރައްކާތެރިކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ނަހުލާ އަކީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ކަމުގައި ވުމުން، ދާއިރާގެ މެންބަރުންނާ ގުޅުން ހުރި ކަންކަމުގައި ދާއިރާގެ މެންބަރުންނާ ބައްދަލުކުރުމަކީ އޭނާއަށް މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަން ކުރުމުގައި ކުރިއަށް އޮތް ތަނުގައި ވެސް ސާބިތުކަމާއެކު ހުންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ދާއިރާގެ މެންބަރުންނާއި ބައްދަލުކޮށް ވާހަކަތައް އަޑުއަހާ ނަހުލާގެ ޚިޔާލު ފާޅުކުރުމަކީ އޭނާއަށް ލިބިދޭ ހައްގެއްކަން ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމް އަކީ ރައީސް ޔާމީން ކަމަށާއި ވިލިމާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައިފައިވާ މުޙައްމަދު ސަލީމަކީ ފެށުނީއްސުރެ ވެސް އެމަނިކުފާނުގެ އަރިހުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ، އަދި އެމަނިކުފާނުގެ ހީވާގި ގާނޫނީ ވަކީލުންގެ ޓީމުގެ މުހިންމު މެންބަރެއް ކަމުގައިވާތީ މާދަމާގެ އިންތިހާބުގައި ނަހުލާގެ ތާއީދު އޮތީ ސަލީމަށް ކަމަށް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ނަހުލާގެ ބަޔާނުގައި އެއްވެސް ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި، އަދި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި، ދާއިރާގެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އޭނާ އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މި ކަމުގައި ވެސް ފަސް ނުޖެހި މިނިވަންކަމާއެކު ޚިޔާލުފާޅު ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް