އޮޑިޓާ ޖެނެރަލް މެދުވެރިކޮށް ޕީއެސްއެމްގެ ޚިޔާނާތުގެ އޮޑިޓެއް ހަދަން ކޮމިޓީން ފާސްކޮށްފި

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީ ބައްދަލުވުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޕީއެސްއެމްއިން 100 މިލިއަން ރުފިޔާއަށް ޚިޔާނާތްވެފައިވާ ކަމަށް އެ ކުންފުނީގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަޙުމަދު ފަޒީލް, ތުހުމަތު ކުރުމާ ގުޅިގެން އޮޑިޓާ ޖެނެރަލް މެދުވެރިކޮށް ޕީއެސްއެމްގެ އޮޑިޓެއް ހެދުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ މައްސަލައާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްްވި އެ ކޮމިޓީ ބައްދަލުވުމުގައި ދިއްދޫ ދާއިރާ މެމްބަރު އަބްދުﷲ ވަހީދު ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން އެ މައްސަލައާ ގުޅޭ އެސެސްމަންޓެއް ހެދުމަށްފަހު ކޮމިޓީއަށް ރިޕޯޓެއް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އަދި ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ އޮޑިޓާ ޖެނެރަލް މެދުވެރިކޮށް ޕީއެސްއެމްގެ އޮޑިޓެއް ހެދުމަށް ހުށަހަޅާފައެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ދެ ހުށަހެޅުން ވެސް ވަނީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީން ވަނީ ފަޒީލް އަދި ޕީއެސްއެމްގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކޮށްފައެވެ. ފަޒީލް އެ ކޮމެޓީ އަށް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓެއް ތައްޔާރުކޮށް، ބޯޑަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ރިޕޯޓުތަކާ ގުޅިގެން ޕީއެސްއެމްގެ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/165427

އެކަމާ ގުޅިގެން ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޗެއާމަން އިބްރާހީމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ ފަޒީލް އެ މަގާމުގައި ހުރެގެން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލަން ވެސް ޖެހުނީ އެދެވޭ ނަތީޖާ ނެރެވިފައި ނުވާތީ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަލީ ވިދާޅުވީ އެއިން އެއްވެސް ރިޕޯޓެއް ކުންފުނީގެ ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.

ޗެއާމަން ހިލްމީ ވެސް ވިދާޅުވީ ބޯޑަށް ލިބިފައި ވަނީ އެ ކުންފުނީގެ އެމްޑީ، އަލީ އެކުލަވާލެއްވި ޚާއްސަ ކޮމެޓީއަކުން ރަނގަޅު ކުރަން ހުށަހެޅި ބައެއް ކަންކަމުގެ ރިޕޯޓްތަކެއް ކަމަށެވެ.

އަލީ ވިދާޅުވީ އޭނާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވި ކަމަށެވެ.

"މަގާމާ ހަވާލުވިތާ ފަސް ދުވަސްތެރޭގައި އެ މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއް އޭސީސީއަށް ހުށަހެޅިން. މެއި މަހު ހުށަހެޅިން އޭގެ ތަފްސީލީ ރިޕޯޓެއް. ތިން މީހުންގެ ކޮމިޓީއެއް އެކުލަވައިލައިފަ މައްސަލަތައް ދިރާސާކޮށްފަ އެކަމަށް ވަރަށް ގިނަ މަސައްކަތާއި ވަގުތު ހޭދަކޮށްގެން ހެކިތަކާ އެއްޗެހި ހޯދައިގެން ތަފްސީލީ ރިޕޯޓެއް ފޮނުވިން. ޖޫން މަހާ ހަަމައަށް ފޮނުވިން 20 މައްސަލައެއް ތަފްސީލާއެކީގައި،" ރިޕޯޓުތަކާ ގުޅިގެން އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ހުށަހެޅުމަށްފަހު އެ މައްސަލަތައް ކުރިއަށްދާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އަހައި، އޮޅުންފިލުވާފައި ވާ ކަމަށެވެ. އަދި އޭގެ ފަހުން ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލުކުރެއްވުމަށްފަހު އެ މައްސަލަތަކުގެ ވާހަކަ ދައްކާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލަތަކާ މެދު ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން އެދިފައިވާނެ،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހަށްވެސް އެ މައްސަލަތައް ހުށަހެޅުއްވި ކަމަށެވެ.

އެސްއޯއީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އޮކްޓޫބަރު މަހުގެ 26ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ފަޒީލު ވަނީ އިތުރު ތުހުމަތުތައް ވެސް ކޮށްފައެވެ.

އެގޮތުން އަޑިޕާކްގައި އެންޓަނާ ޖަހައި، މީޑިއަމް ވޭވް ދޫކުރަން ބޭނުންވާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހަވާލުކޮށްފައި އޮތީ އެ މަސައްކަތަށް ކުރިމަތިލި އެންމެ ގާބިލު ކުންފުންޏަކާ ނޫން ކަމަށް ފަޒީލް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ލަންކާގެ ތާންތޫރީ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތުގެ އެއްބަސްވުން ފަހުން އޮތީ ބާތިލުވެފައި ކަަމަށް އެ ބައްދަލުވުމުގައި ފަޒީލު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއްބަސްވުން ބާތިލުވެފައި ވަނިކޮށް، މިހާރުގެ އެމްޑީ އަލީ، އެ މަސައްކަތް އަލުން އެ ކުންފުންޏާ ހަވާލުކުރެއްވީ ދައުލަތަށް 18 މިލިޔަން ރުފިޔާގެ ގެއްލުމެއްވާ ގޮތަށެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި ކޮމިޓީގައި އަލީ ވިދާޅުވީ މިހާރުގެ މެނޭޖުމެންޓު ޕީއެސްއެމްއާ ހަވާލުވި ފަހުން އެއްވެސް ކަހަލަ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެކަން ހިނގައިދިޔައިގޮތުގެ ވާހަކަ ކިޔައިދެއްވަމުން އަލީ ވިދާޅުވީ އެއީ 2012 ވަނަ އަހަރު ހިލޭ އެހީއެއްގެ ދަށުން ރާއްޖެއަށް ލިބުނު މަޝްރޫއެއް ކަމަށެވެ. އަދި އެއީ ޖަޕާނުގެ އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ 2012 ވަނަ އަހަރު ލިބުނު ޕްރޮޖެކްޓެއް ނަމަވެސް އެކަން ކުރެވެން ފެށުނީ 2017ވަނަ އަހަރު ކަމަށެވެ.

"މި ޕްރޮޖެކްޓް ކުރިއަަށް ގެންގޮސް 2018 ވަނަ އަހަރުގެ މެދުތެރޭގައި މި ޕްރޮޖެކްޓްގެ އެގްރީމެންޓް ހަމަވެފަ އޮތީ. ދެން އަނެއްކާ 2018 ނިމުނުއިރު މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބެލިއިރު މި އަންނަނީ އެހެން މެނޭޖުމެންޓެއް،" އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ޕީއެސްއެމްއާ އޭނާ ހަވާލުވިއިރު މުޅި ރާއްޖެއަަކަށް ރޭޑިއޯ ސިގްނަލެއް ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގެ ވަކި ހިސާބުތަކަށް އެއްވެސް ވަރަކަށް ސިގްނަލް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ނުލިބެން މެދުވެރިވި ސަބަބަކީ އަޑިޕާކުގައި ހުރި އެންޓަނާތައް ނެގުން ކަމަށެވެ. އަދި އާ މެނޭޖުމެންޓެއް އޮވެ، އަޑުގެ ސިގްނަލް ނުލިބޭތީ ވަރަށް ގިނަ ބައެއްގެ ޝަކުވާ އައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޑިޕާކް އެންޓަނާ މަޝްރޫއު، ތާންތޫރީ ކުންފުންޏާ ހަވާލުކުރުމުގައި ކުރީގެ ބޯޑުން އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދުމުން، އޭސީސީން އެ މައްސަލަ ބެލި ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ޕީއެސްއެމްއަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓް ހަމަވީ އެންމެ ރަނގަޅަށް މަސައްކަތް ކުރިއަށް ނުގޮސްގެން ކަމަށާއި އޭރުގެ ބޯޑުން އެކަން ލަސްވީ ކީއްވެތޯ ބެލިބެލުމުން ތާންތޫރީ އިން ވަނީ އެކަން ލަސްވީ ޕީއެސްއެމްގެ އިހުމާލުން ކަމަށް ބުނެފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭރުގެ ބޯޑުން ތާންތޫރީއާއެކު މަސައްކަތް ކުރިއަށް ގެންދަން ނިންމި ކަމަށާއި ޕީއެސްއެމްގެ މިހާރުގެ ބޯޑުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ ބޯޑުގެ އެ ނިންމުން އޮތް ގޮތަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރުގައި ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ދޫނުކުރެވޭތީ މީޑިއަމް ވޭވް މެދުވެރިކޮށް ދޭ، ރޭޑިއޯގެ ޚިދުމަތް އޮތީ ހުއްޓިފައި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މީޑިއަމް ވޭވްގެ ޚިދުމަތް ދޭން އަވަހަށް ފެށުމަށްޓަކައި ކަމަށް އަލީ ވިދާޅުވިއެވެ.

"އެހެންވެ އެ މަޝްރޫއު ފަށަން ވެގެން ޕީއެސްއެމްގެ ލީގަލް ޑިޕާޓްމަންޓްގެ ބޭފުޅަކާއި ޓެކްނިކަލް ބޭފުޅެއް އަދި މަޝްރޫއުގެ ކަންތައް ބަލާ ބޭފުޅަކު މެދުވެރިކޮށް، މަޝްރޫއުގެ ކަންތައް އޮތްގޮތް ބެލި. އަދި ބެލި އިރު މައްސަލަ ތަކެއް ހުރި،" އޭނާ ވިދާޅުވިއެވެ.

ތާންތޫރީއަށް އެ މައްސަލަތައް ހުރިކަން ހިއްސާކުރުމުން، އެ މައްސަލަތައް ހައްލުކުރި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަން ކުރީގެ ބޯޑުން ނިންމާފައި އޮތް ނިންމުން އޮތުމުން، މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ޕީއެސްއެމްގެ ލީގަލް ބޭފުޅާ ލަފާ ދެއްވި ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

comment ކޮމެންޓް