100 މިލިއަންގެ ކޮރަޕްޝަންވީ ތުހުމަތުގެ ލިޔުންތަކަކަށް!

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ މައްސަލައެކެވެ. މި މައްސަލަތައް އަނެއްކާވެސް މީޑިއާއަށް ތިލަވީ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު ކުއްލި ގޮތަކަށް އުވާލައި ޗީފް އޮޑިޓް އޮފިސަރު އަޙުމަދު ފަޒީލް މަގާމުން ވަކިކުރި ހިސާބުންނެވެ.

ފަނަރަ މަސް ދުވަހު އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ ބައެއް މަސައްކަތްތައް ބަލާލުމުން ފިތްކަނޑައިގެން ދާހާ ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ފެންނަން އެބަހުއްޓެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. މިއީ އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުރި ކަންތައްތަކެވެ. "ސަން"ގެ ނޫސްވެރިން މި އޮޑިޓް ރިޕޯޓްތައް ދިރާސާކުރި އިރު އެކަންކަން ފާހަގަވިއެވެ.

ޗީފް އޮޑިޓަރު ފަޒީލުގެ ދުލުން

ޗީފް އޮޑިޓް އޮފިސަރު ކަމުން ވަކިކުރި ފަޒީލް ވިދާޅުވިގޮތުގައި ޕީއެސްއެމްގެ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ އޮޑިޓްތަކުން ވަނީ ފާހަގަވެފައެވެ.

ފަޒީލް ވިދާޅުވިގޮތުގައި ތައްޔާރު ކުރި 14 އޮޑިޓް ރިޕޯޓުގެ ތެރެއިން 10 ރިޕޯޓު، ޑިރެކްޓަރުންގެ ބޯޑުން ބަލައި، ފާހަގަކުރެވުނު މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅަން ނިންމިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ "ގައިގައި އަތްލާން" ބޯޑަށް ނުކެރުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންނަކީ އެއަށްވުރެ މާ ނުފޫޒު ގަދަ ބައެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މީހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، އެ މީހުން ހިންގި ޖަރީމާތައް ފޮރުވަން މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމުން ފާހަގަވި ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ޓީވީއެމް އިމާރާތުގެ ފަންގިފިލާގައި އައިޓީ ނެޓްވޯކް އެޅި މައްސަލަ

މި މައްސަލަ ފެންމަތިކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ އެ މަސައްކަތަށް ތިން ކުންފުނިން ކޯޓޭޝަން ހޯދާފައިވާ ކަމަށް ބަޔާން ކުރި ނަމަވެސް ތިން ކޯޓޭޝަނުގައި ވެސް މަސައްކަތުގެ ތަފްސީލު އަކުރުން އަކުރަށް ދިމާވާ ކަމަށެވެ. އެހެންކަމުން އެއީ އެކަކު ހަދާފައިވާ ކޯޓޭޝަންތަކެއް ކަން ހާމަވެއެވެ. ކޯޓޭޝަންތައް ރަނގަޅަށް ބަލާލުމުން އެއީ ތަނުގެ މުވައްޒަފަކު ހަދާފައިވާ ކޯޓޭޝަންތަކެއް ކަން ހާމަ ވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެއެވެ.

މި މަސައްކަތް ކާމިޔާބުކޮށްފައިވާ މީހުންނާއި ޕީއެސްއެމްގެ އިސްވެރިންނާ ގާތްގުޅުމެއް އޮންނަ ކަމުގެ މައުލޫމާތު އޮޑިޓް ޑިޕާޓްމަންޓަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

"މަސައްކަތް ކާމިޔާބުކުރި ފަރާތުން މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަގަކީ 296،784.10 ދިވެހި ރުފިޔާ. އަދި އެއްވެސް މަސައްކަތެއްގެ އަގު 300،000 ރުފިޔާއަށް އަރާނަމަ އެ މަސައްކަތެއް ކުރާނެ ފަރާތެއް ހޯދަންޖެހޭނީ ބިޑަށް ހުޅުވާލައިގެން. އެހެންކަމުން، މިމަސައްކަތަށް އަގު ހުށަހެޅުމުގައި ކުރިޔާލާ ރާވައިގެން 300،000 ރުފިޔާއަށް ނާރާވަރު ބަލައިގެން ކޮށްފައިވާ ކަމެއްކަން ޔަގީނާގާތަށް ކަށަވަރުވޭ،" އޮޑިޓް ރިޕޯޓުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަން އިލްތިމާސް ކޮށްފައިވާ އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ނިއުސް ރޫމްގެ އެކި ފްލޯތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުން

ޖުމްލަ 485،000 ދިވެހި ރުފިޔާއަށް އެ މަސައްކަތް ކުރުމަށް ކޯޓޭޝަން ހޯދާފައިވާ ކުންފުނިތަކުގެ ތެރެއިން 'ފްލޯރިންފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް' އަކީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"އެހެން ކަމުން މި ކުންފުންޏަކީ މި މަސައްކަތް ކޮރަޕްޝަނުގެ ތެރެއިން ކުރުމަށް ހެދިފައިވާ ފޭކް ކުންފުންޏެއް." އޮޑިޓް ރިޕޯޓުގައިވެއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުނުކުރި ނަމަވެސް މަސައްކަތް ހަވާލު ކުރި ކުންފުނިން ހުށަހަޅާފައިވާ އިންވޮއިސްގައިވާ ސޮޔާއި ކޯޓޭޝަންގައި ކޮށްފައިވާ ސޮއި ދިމާ ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މަސައްކަތް ހަވާލުކުރުމުގައި ކަންތައް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ މައްސަލަ

އޮގަސްޓް 1، 2018 އިން ސެޕްޓެމްބަރު 22، 2018 އަށް ޕީއެސްއެމްގެ 308 މުވައްޒަފަކަށް ޕްރޮމޯޝަން ވަނީ ދީފައެވެ. ނަމަވެސް މިއިން އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަން ދިނުމުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ އެއްވެސް މާއްދާއަކަށް ރިޢާޔަތް ކޮށްފައިނުވާ ކަން ފާހަގަ ކޮށްފައިވެއެވެ.

އެގްޒެކެޓިވްގެ ބައެއް މަސައްކަތް ކުރުން

އެ މަސައްކަތަކީ 900،000.42 ދިވެހި ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް ކުރުމަށް ކޯޓޭޝަން ހޯދާފައިވަނީ އެންމެ ކުންފުންޏަކުންނެވެ. ކޯޓޭޝަން އަދި އިންވޮއިސްގައި ޖަހާފައިވާ ޓިން ނަންބަރަކީ މީރާގެ ވެބްސައިޓުން ނުދައްކާ ނަންބަރެއްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހުށަހަޅާފައިވާ ކޯޓޭޝަންގައި މަސައްކަތުގެ އެއްވެސް ތަފްސީލެއް އަދި އަގުތައް ކަނޑައަޅާފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

"މި ކޯޓޭޝަނުން ކަމުގެ އެއްވެސް ތަޖުރިބާއެއް އަދި އިލްމެއް ނެތް މީހަކު ނުވަތަ ބަޔަކު ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަން ހާމަވެއެވެ،" އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެ މަސައްކަތް ކުރުމަށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ހައްތަހާވެސް ކޮރަޕްޝަނުގެ މައްސަލަތަކެވެ. ބަޔާންކޮށްފައިވާ މަދު މައްސަލަތަކުން ވެސް އެ ކުންފުނީގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް އޮތީ އަތްނުފޯރާ ހިސާބުގައި ކަން ހާމަވެއެވެ. ފޭކް ކުންފުނިތައް ބޭނުންކުރުމާއި ޕީއެސްއެމްގެ މަސައްކަތްތަކަށް އެތަނުގެ ތެރެއިން ބައެއް މުވައްޒަފުން އަމިއްލައަށް ކޯޓޭޝަން ތައްޔާރުކޮށް ހުށަހެޅުންފަދަ ބޮޑެތި މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ.

އޮޑިޓް ރިޕޯޓްތައް ޕީއެސްއެމަށް ވީ ތުހުމަތުގެ ލިޔުންތަކަކަށް

އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލި ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރުމުން ޕީއެސްއެމުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލީ އެތަނުން މަސައްކަތް ނުކުރާތީ ކަމަށެވެ. ފާއިތުވި 14 މަސްތެރޭ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުއައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރު ކުރުން ކަމަށް އެ ބަޔާނުގައިވެއެވެ. އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ކުރި ބުރަ މަސައްކަތް ޕީއެސްއެމަށް ވީ ތުހުމަތުގެ ލިޔުންތަކަކަށެވެ.

ޕީއެސްއެމްގެ ތަރުޖަމާނު ޒާއިން މުޙައްމަދު ޒަހީން "ސަން"އަށް ވިދާޅުވީ އެ އޮޑިޓް ރިޕޯޓްގައިވާ މައްސަލަތައް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައި ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ޚިޔާނާތުގެ ތުހުމަތުކޮށްފައިވާ މީހުންނާ މެދު ފިޔަވަޅު އަޅާފައިނުވަނީ ކީއްވެތޯ ސުވާލުކުރުމުން ޒާއިން ވިދާޅުވީ ބަލަމުންދާ މައްސަލައަކަށްވާތީ އިތުރަށް ބުނާނެއެއްޗެއް ނެތް ކަމަށެވެ.

އެ އޮޑިޓް ރިޕޯޓްތަކަކީ ތުހުމަތުގެ ލިޔުންތަކެއް ކަމަށް ޕީއެސްއެމަށް ސިފަވިޔަސް ޗީފް އޮޑިޓް އޮފިސަރު ކަމުން ވަކިކުރި ފަޒީލް ވިދާޅުވިގޮތުގައި އެއީ އޮޑިޓް އޮފީހުގެ ފޯމެޓަށް އެ ފެންވަރަށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓްތަކެކެވެ. އަދި އެ ރިޕޯޓްތަކުގައި މައްސަލަތައް ފާހަގަކޮށްފައި ވާނީ ފުރިހަމަ ހެއްކާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަސްލު ހަގީގަތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މުވައްޒަފުންނަކީ އެތަނުގައި ގިނަ ދުވަސްވީ މުވައްޒަފުންތަކެއް. އެހެންވީމަ އެ މުވައްޒަފުގެ ނުފޫޒު ވެސް ގަދަ އެތާގެ ތެރޭގައި. އެހެންވީމަ އެމްޑީއަށް ވެސް ހޭންޑަލް ކުރަން އުނދަގުލީ،" ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވިގޮތުގައި އޭނާ މަގާމާ ހަވާލުވުމުގެ ކުރިން އެހެން ބަޔަކު ވެސް ކޮމިޓީއެއް ހަދައިގެން އެ މައްސަލަތައް ބަލަން އުޅުނެވެ. ނަމަވެސް ބާރުގަދަ ބައެއްގެ ނުފޫޒުން އެ މީހުން ކުރަން އުޅުނު ކަންތައް ހުއްޓުވީ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެކަނި ޕީއެސްއެމް އޮޑިޓްކޮށް ރިޕޯޓް ނެރެން ކެރިވަޑައިގަތީ ފަޒީލަށެވެ. އޭނާ އެ މައްސަލަތައް ބެލުމުން މިހާރު މިވަނީ ވަޒީފާ ގެއްލިފައެވެ. މަސައްކަތް ކުރަމުންދިޔަ ޑިޕާޓްމަންޓް ވެސް އުވައިލާފައެވެ.

އޮޑިޓް ރިޕޯޓްތަކަކީ ތުހުމަތުގެ ލިޔުންތަކެއް ކަމަށް ޕީއެސްއެމްއިން ބުނުމުން ފަޒީލު ހުރީ ހައިރާންވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އޮޑިޓް ރިޕޯޓްތަކުގައި ވަނީ ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ހެކިތަކުން ފެންނަން ހުރި މީހުންގެ ނަންތަކެވެ.

"އަޅުގަނޑުމެން 14 ރިޕޯޓް ލިޔުނުއިރު، 14 ރިޕޯޓްގައި ވެސް އެއްބައެއްގެ ނަން އަންނަންޏާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެއް ނޫންތޯ. އެވިޑެންސްއިން ފެންނަން އިން އެއްޗެއްތާ އަޅުގަނޑުމެން ލިޔާނީ. އަޅުގަނޑުމެން ޚިޔާލީ ވާހަކައެއް ނުވަތަ މީހަކު ބުނި ބުނުމަކަށް ތޯތޯ ވާހަކައެއް ލިޔެފަހުރިނަމަތާ މީގަ އިޝޫއަކަށް އަންނާނީ،" ފަޒީލް ވިދާޅުވިއެވެ.

ބުރަ މަސައްކަތް ކޮށްގެން 14 އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމުން ވެސް އެ ރިޕޯޓްތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑްގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާނެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީއަށް ވެސް އެކަން ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީއަކީ ކޮންމެ ސަރުކާރު ކުންފުންޏަކުން ވެސް ރެގިއުލާކޮށް ރިޕޯޓްކުރަންޖެހޭ ބޮޑީއެކެވެ. އެތަނުގެ ސަމާލު ކަމަށް އެކަން ގެނައީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލަތައް ކުރިއަށްނުދާތީ އަޅުގަނޑުވާނެ އެބޭފުޅުންގެ ސަލާމުކަމަށް ގެނެސްފައި. އަޅުގަނޑު ބޭނުންވަނީ ފިޔަވަޅު އަޅައި ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ލިބުން. އެއީ އަސްލު ހަގީގަތުގައި އަޅުގަނޑުގެ މަސައްކަތަކީ،" ފަޒީލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.

ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވައިލުން ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ސިފަކުރެއްވީ މަޖިލީހުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެންބަރުން އެއްފަހަރާ ވަކި ކުރި ފަދަ ކަމެއްގެ ގޮތުގައެވެ.

ޢަލީ ޙުސައިން ވިދާޅުވީ ޕީއެސްއެމްގެ 100 މިލިއަން ރުފިޔާގެ ޚިޔާނާތަކީ ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށެވެ. އަދި އެފަދަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަތަރު އަހަރު ވެގެން ދިޔައިރު މިހާތަނަށް ކޮން ފިޔަވަޅެއް އެޅުނީ. ދެން ވެސް ނޭޅޭނެ ފިޔަވަޅެއް،" ޢަލީ ޙުސައިން ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސްއެވެ. ނަމަވެސް ކަންތައްތައް މިވަނީ ސަރުކާރުގެ ސިޔާސަތާ ދިމާ އިދިކޮޅަށެވެ. އަދަބު ލިބެނީ ކޮރަޕްޝަންގެ އަމަލު ހިންގާ މީހުންނަށް ނޫނެވެ. އެފަދަ މައްސަލަތައް ފަޅާ އަރުވާ މީހުންނަށެވެ.

comment ކޮމެންޓް