ކައުންސިލް ގޮނޑިއެއްހާ ހިސާބުވެސް ދެން ކޯލިޝަން ޕާޓީއަކަށް ނުދޭނަން: ޔާމީން

ނ. އަތޮޅު މަނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަދައްކަވަނީ--- ފޮޓޯ/ ޕީޕީއެމް

ކައުންސިލް ގޮނޑިއެއްހާ ހިސާބުވެސް ދެން ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ޕީޕީއެމްއިން ދޫނު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހާރު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެތޮޅުގެ ވެރިކަންކުރާ ރަށް މަނަދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޕީޕީއެމްއާ ކޯލިޝަން ހެދި ޕާޓީތަކުން މަކަރު ހަދައި، ޕީޕީއެމަށް އޮޅުވާލި ކަމަށެވެ. އަދި އެމްޑީޕީއަށް ލިބިފައިވާ ސުޕަ މެޖޯރިޓީއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި އެ ޕާޓީގެ އިސްކޮށް ތިއްބަވާ ބޭފުޅުން ޕީޕީއެމަށް އޮޅުވާލުމުގެ ނަތީކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއެކީ ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، އެތައް ވާހަކައެއް ދައްކަވައިގެން އަޅުގަނޑުމެން ދޫކޮށްލިން އެތައް ގޮނޑިއެއް. އޭގެ ނަތީޖާއަކަށް ވީ ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ނުލިބުން. އަދި އަޅުގަނޑުމެންގެ ޕާޓީންވެސް އެ ދާއިރާ ތަކަށް މެމްބަރުން ކުރިމަތު ނުލުން،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ޚާއްސަކޮށް ޖުމްހޫރީ ޕާޓީއަށް ވަރަަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އޮތީ ސިޔާސީ ގޮތުން ދެ ފިކުރެއް ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އެއްވެސް ފިކުރަކަށް ނިސްބަތްނުވާ ޕާޓީއެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާ ސްޓޭންޑް ބަދަލު ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގައި ވެސް ގާސިމާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ އަތެއް ވާ ކަމަށެވެ.

"އެބޭފުޅުން ތިއްބަވައިގެން ނޫންތޯ އެކަން ކުރީ. 2019 ގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސް އަށް ދިން ސިޓީއަކުން ނޫންތޯ މިކަން އުފެދިގެން މިއުޅެނީ. އޭރު ކޮބައިތޯ ނާޒިމް މެން. ގާސިމް މެން. މިހާރު ކީއްކުރަންތޯ މި ދައްކަވަނީ. އޭރު އެންމެ ވަރުގަދައަށް ރައީސް ޞާލިހާއެކު ތިއްބެވި ދެބޭފުޅުންނަކީ ގާސިމްއާއި ކާނަލް ނާޒިމް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ގާތް ދެބޭފުޅުންގެ ގޮތުގައި، މުޝީރުންގެ ގޮތުގައި ގެންގުޅުއްވީ ނާޒިމާއި ގާސިމް ކަމަށެވެ. އެގޮތުން 2019 އަހަރު ރާއްޖެއިން މޮރީޝަސްއަށް ފޮނުވި ސިޓީގެ މައުލޫމާތު އެ ދެބޭފުޅުންނަށް އެނގޭނެ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދި މިހާރު އެކަމާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ބޭނުމަކީ ކޮބައިތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ކާނަލް ނާޒިމް ވެރިކަމަށް ހޮވިއްޖެ ނަމަ ފޯޅަވަހި އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައިވުމުން އެކަން ކުރާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"މިއީ ބައިނަލްއަގްވާމީ ސިޔާސީ ވާހަކައެއް މި ދައްކަނީ. ގެއްލިފަ އޮންނަ އެކަހަލަ ބިމެއް ސިޔާސީ ގޮތުން އަޅުގަނޑުމެން ތަސައްރަފު ނުފުދިގެން ދޫކޮށްލާފަ އޮތް ބިމެއް އޮތް ގައުމެއް އަނބުރާ ގެންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން އަތަކު ނެތް ރަޝިޔާގައި ހުންނަ ހަނގުރާމަ ކުރުމުގެ ގާބިލުކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް