މެންކްގެ ދަރުހާ ދިމާވާތީ ބައިސްކޯފްގެ ޝޯ އެއް ދުވަސް ފަސްކޮށްފި

ޗަނާޗާ ޝޯގައި ޕާފޯމް ކުރާ ބޭންޑެއް: އެ ޝޯގައި ޔޮހާނީގެ އިތުރުން ދިވެހި ބޭންޑްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅައިދޭނެ-- ފޮޓޯ: ބައިސްކޯފް

ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން "ޗަނާޗާ 2022"ގެ ނަމުގައި ބާއްވާ ޝޯ އާއި މުފްތީ މެންކްގެ ދަރުސް އެއް ދުވަހަކަށް ދިމާވާތީ އެ ޝޯ އެއް ދުވަސް ފަސް ކުރަން ބައިސްކޯފުން ނިންމައިފިއެވެ.

މުފްތީ މެންކްގެ ދަރުހާއި ބައިސްކޯފުގެ ޝޯ ވެސް ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މެންކްގެ ދަރުސް އޮތީ އެ ރޭ މާލޭ އަލިމަސް ކާނިވަލްގައެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ސްޓޭޑިއަމްގައި ވެސް މެންކްގެ ދަރުހެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ބައިސްކޯފުން މިއަދު ބުނީ ޝޯއަށް ތައްޔާރުވަމުން އަންނަތާ މަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ދުވަހު އެހެން ބޮޑު އިވެންޓެއް މާލޭގައި ބާއްވާކަން ސަމާލު ކަމަށް އައުމުން ޝޯ ފަސް ކުރަން ނިންމީ ކަމަށް ބައިސްކޯފުން ބުންޏެވެ.

https://sun.mv/169120

އެހެންކަމުން މިހާރު ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

ހަވީރުގެ ޝޯއަށް ހިލޭ ވަދެވޭއިރު ރޭގަނޑު ޝޯއަށް ވަދެވެނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އެ ޝޯގެ ޓިކެޓް ބައިސްކޯފުން މިހާރު އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް އެ ޓިކެޓް ގަނެވޭނެއެވެ.

އެ ޝޯގައި "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި، ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާގެ ލައިވް ޕާފޯމަންސް ފެންނާނެއެވެ.

އޭނާއާއެކު އެހެން މިއުޒީޝަނުން ވެސް ބައިވެރިވާނެއެވެ. އަދި ދިވެހި މަޝްހޫރު ގިނަ ބޭންޑްތަކަކުން ވެސް ލަވަތައް ހުށަހަޅައި ދޭނެއެވެ.

އޭގެ ތެރޭގައި ރެވިއޯ، އެކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިމްބޮލިކް ރެކޯޑްސް، ޑީ ޓިއުން ބޭންޑް، ފަސީ ލައިވް، ހަމްބްލް ބަކަރި، އަދި ވެސް އިތުރު ލަވަކިޔުންތެރިން ހިމެނެއެވެ. މިއީ މިއަހަރު ބާއްވާނެ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލަށް ވާނެ ކަމަށް ބައިސްކޯފުން ބުނެއެވެ.

ޗަނާޗާ އަކީ ބައިސްކޯފުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޝޯއެކެވެ. އެ ޝޯގެ މަގުސަދަކީ ދިވެހި ފަންނާނުންނަށް ފުރުސަތުދީ ކުރިއެރުވުމެވެ.

comment ކޮމެންޓް